16 Feb 2016, 15:43
އިންޑިއާގެ ކަނޑުގެ ސިފައިން ބޭނުން ކުރާ، މަތިންދާބޯޓު އުފުލާ މަނަވަރު "އައިއެންއެސް ވިކްރަމަދިއްތިޔާ" އާންމުންނަށް މިއަދު ދައްކާލައިފި އެވެ.
މިއަދު ހެނދުނުން ފެށިގެން މާދަމާ ހަވީރުގެ ނިޔަލަށް އާންމުންނަށް މަނަވަރު ބަލާލުމުގެ ފުރުސަތު، ހާއްސަ އުސޫލެއްގެ މަތިން ވަނީ ހުޅުވާލެވިފަ އެވެ. މިއަދު ވެސް ގިނަ އަދަދެއްގެ ދިވެހިން ވަނީ މަނަވަރަށް ޒިޔާރަތް ކޮށްފަ އެވެ.

ވިކްރަމަދިތްޔާ ބަލައިލުމަށް ގިނަ އަދަދެއްގެ ދިވެހިން މިއަދު މަނަވަރަށް ދިޔަ -- ސަން ފޮޓޯ: ޝަފްނާ ހުސައިން
ދިގުމިނުގައި 285 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުންނަ އައިއެންއެސް ވިކްރަމަދިތްޔާއަކީ، އިންޑިއާގެ އަސްކަރިއްޔާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކުގެ ތެރެއިން އެންމެ ފަހުން ހިދުމަތާ ގުޅުނު މަނަވަރެވެ.
ވިކްރަމަދިއްތިޔާ ރާއްޖެ އަށް މި ކުރާ ދަތުރަކީ، އެ މަނަވަރު އިންޑިއާގެ އަސްކަރީ ހިދުމަތާ ގުޅުނު ފަހުން ބޭރު ގައުމަކަށް ކުރާ ދެ ވަނަ ދަތުރެވެ. އެ މަނަވަރުގެ ފުރަތަމަ ދަތުރު ކޮށްފައި ވަނީ ސްރީލަންކާ އަށެވެ.
މަނަވަރުގެ ސެކަންޑް ކޮމާންޑރު ޖަނަތު ދޭވްލީ ވިދާޅުވީ، މި ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި ކުރި ދަތުރެއް ކަމަށެވެ.
ޖަނަތު ދޭވްލީ ވިދާޅުވީ މަނަވަރަކީ 23 ބުރީގެ އިމާރާތަކާ އެއްވަރުގެ އުސްމިނެއް ހުރި މަނަވަރެއް ކަމަށެވެ. ފެނުން މައްޗަށް 13 ބުރި ހުރި އިރު ފެނުގެ އަޑީގައި 10 ބުރި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިކްރަމަދިތުޔަ: ދިގުމިނުގައި 285 މީޓަރު، ފުޅާ މިނުގައި 60 މީޓަރު އަދި އުސްމިނުގައި 60 މީޓަރު ހުރޭ
އައިއެންއެސް ވިކްރަމަދިތްޔާ ރާއްޖެއަށް ކުރާ ދަތުރުގައި، އައިއެންއެސް މައިސޫރާ އައިއެންއެސް ދީޕަކް ވެސް ބައިވެރިވާނެ އެވެ. އައިއެންއެސް ދީޕަކް އަކީ މާލެއަށް މިދިޔަ އަހަރު ދިމާވި ފެނުގެ ކާރިސާއާ ގުޅިގެން އެހީ ފޯރުކޮށްދިނުމަށް ރާއްޖެ އައި މަނަވަރެކެވެ.
އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މަނަވަރުތައް ރާއްޖޭގައި މަޑުކުރާނެ އެވެ.