16 Feb 2016, 15:06
ކޮލަމްބޯ (ފެބްރުއަރީ 16): ފުއްޕާހަމެއްގައި ހުންނަ ހަކަތައިން ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދޭ ޕްރޮޖެކްޓް ލޫން، ސްރީލަންކާގައި ޓެސްޓުކުރަން ފައްޓައިފި އެވެ.
ގޫގުލްއިން ދެކުނު އެމެރިކާގައި ލޯންޗު ކުރި ތިން ފުއްޕާހަމުގެ ތެރެއިން އެއް ފުއްޕާހަން ލަންކާގެ ވައިގެ ސަރަހައްދަށް ވަނީ އިއްޔެ ކަމަށް އެގައުމުގެ ސަރުކާރުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީގެ ޗީފް މުހުންތާން ކަނަގޭ ވިދާޅުވި އެވެ.
ޕްރޮޖެކްޓް ލޫންއާ ބެހޭ ޓެކްނޮލޮޖިކަލް ކަންތައްތައް ބެލުމަށް ޓަކައި ގޫގުލްގެ ޓީމެއް މިހަފްތާ ތެރޭގައި ލަންކާއަށް ދާނެ ކަމަށް ކަނަގޭ ވިދާޅުވި އެވެ.
ޕްރޮޖެކްޓް ލޫންގެ މަގުސަދަކީ ދުނިޔޭގެ އެހާ ތަރައްގީނުވާ ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމެވެ. މީގެ ކުރިން އޮސްޓްރޭލިއާއާއި އިންޑޮނޭޝިއާގައި ވަނީ އެޕްރޮޖެކްޓުގެ ޓްރައަލްތައް ކުރިއަށް ގެންގޮސްފަ އެވެ.
މިމަހުގެ ކުރީކޮޅު ސްރީލަންކާގެ ސަރުކާރުން ވަނީ ޕްރޮޖެކްޓް ލޫމް ޓެސްޓު ކުރުމަށް ގޫގުލްއާ އެއްކޮށް ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ބުނެފަ އެވެ. ޕްރޮޖެކްޓް ފެށުމުން ލަންކާގައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އިންޓަނެޓް ސްޕީޑް އަވަސްކޮށް، ހިދުމަތުގެ ކޮލިޓީ ރަނގަޅު ކުރެވޭނެ ކަމަށް ސަރުކާރުން ބުންޏެވެ.
ލަންކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ފުއްޕާހަން ޖައްވުގައި އުޅޭނީ ފްލައިޓްތައް ދުއްވާ ވަރަށް ވުރެ ދެގުނަ މަތީގަ އެވެ. އަދި ފުއްޕާހަން ހަލާކުނުވެ ގާތްގަނޑަކަށް 180 ދުވަހަށް ހުންނާނެ ކަމަށާއި، އޭތި ހަދާފައި ހުންނަނީ ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ގޮތަށް ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.
ސްރީލަންކާއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މޮބައިލް ފޯނާއި 3ޖީ ތައާރަފް ކުރި ފުރަތަމަ ގައުމެވެ. (ގާޑިއަން)