16 Feb 2016, 15:18
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއާ ގުޅިގެން މަސްވެރިންނަށް ހެޔޮ އަގެއްގައި ބޯފެން ފޯރުކޮށްދިނުމަށް އައިލެންޑް ބެވަރޭޖަސް ކޮމްޕެނީ އިން އެއްބަސްވެއްޖެ އެވެ.
ފެންބިލްޑިންގުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަހީމް އެވެ. އައިލެންޑް ބެވަރޭޖަސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ އެމްޑީ ފަޒުލް ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން އެ ކުންފުނިން މިފްކޯ އަށް ހާއްސަ ރޭޓެއްގައި ފެން ފޯރުކޮށްދޭނެ ކަމަށެވެ.
އެގޮތުން ފަޒުލް ވިދާޅުވީ، މިފްކޯ އިން މަސްވެރިންނަށް ލުއިފަސޭހަ އަދި ރަނގަޅު ރޭޓެއްގައި ފެން ދޫކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ.

"މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ހާއްސަ އަގުތަކެއްގައި ފެން ސަޕްލައި ކުރުމުގެ ނުވަތަ އަޅުގަނޑުމެންގެ ބޮޓަލިންގެ ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރެވުނު އެގްރިމެންޓެއް. އަދި މަސްވެރިންނަށް ފަސޭހަކަމާ އެކީގައި ހެޔޮ އަގުތަކެއްގައި އަޅުގަނޑުމެންގެ ހިދުމަތް އެ ފަރާތްތަކަށް ދޯރުކޮށްދިނުމަށް،" ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފްކޯގެ ހުރިހާ އައުޓްލެޓަކުން ހެޔޮ އަގެއްގައި ތާޒާ ފެން މަސްވެރިންނަށް ލިބެން ފެށުމުން އޭގެ މަންފާ ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިފްކޯގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަހީމް ވިދާޅުވީ މިފްކޯއަކީ އަބަދު ވެސް މަސްވެރިންނަށް ވަރަށް ކައިރިން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް ވުރެ ބޮޑަށް މަސްވެރިންނާ ކައިރިން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.