ގައުމީ ވޮލީބޯލް ޓީމުގެ ކޯޗް ތައިލެންޑްގެ ސުންޓޮން ފޮސީޓާގެ ކޮންޓްރެކްޓާ މެދު ގޮތެއް ނިންމާނީ އަންނަ މަހު މެލޭޝިއާގައި ބާއްވާ މެލޭޝިއަން އިންވިޓޭޝަނަލް މުބާރާތައް ފަހުގައި ކަމަށް ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) ބުނެފިއެވެ.

މެލޭޝިއާގެ ވޮލީބޯލް އެސޯސިއޭޝަނުން ވަނީ އެ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖޭގެ ވޮލީ ޓީމަށް ފޮނުވާފައެވެ.

ވީއޭއެމްގެ އެކްސްކޯއިން ވަނީ އެމުބާރާތުގައި ރާއްޖެއިން ބައިވެރިވުމަށާއި އަދި އެމުބާރާތައް ތައްޔާރުވުމަށާއި އިރުޝަދު ދިނުމަށްވެސް ހަމަޖެހިފައިވަނީ ފޮސީޓާއެވެ.

ވީއޭއެމްއިން ވަނީ މިދިޔަ އަހަރު އޯގަސްޓަ މަހު ފޮސީޓާގެ އެއްބަސްވުން ނިމިގެންދިޔަ ސައުތު އޭޝިއަން ގޭމްސް ނިޔަލަށް އާކޮށްފައެވެ.

ވީއޭއެމް ނައިބުރައީސް އިލްޔާސް ވަހީދު (އިއްލަ) ވިދާޅުވީ އެމުބާރާތުގައި ފޮސީޓާގެ ބެލުމުގެ ދަށުން ޓީމު ކުރިއަށް ގެންދިއުމަށް ވީއޭއެމްއިން ނިންމާފައިވާ ކަމަށާއި އަދި އޭނާގެ ކޮންޓްރެކްޓާ ބެހޭގޮތުން ގޮތެއް ނިންމާނީ އެ މުބާރާތަށް ފަހުގައި ކަމަށްވެސް އިއްލަ ވިދާޅުވިއެވެ.

"އެސޯސިއޭޝަނުން ވަނީ ނިންމާފައި މެލޭޝިއާ އިންވިޓޭޝަނަލް ކަޕްގައިވެސް ކޯޗްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން. ކޯޗްގެ އެއްބަސްވުމާ މެދު ގޮތެއް ނިންމާނީ އެމުބާރާތައް ފަހު" އިއްލަ ވިދާޅުވިއެވެ.