އެމްއެންޑީއެފްގެ ދޯންޏެއްގައި "އައިއެންއެސް ވިކްރަމާދިތުޔަ" މަނަވަރާ ކައިރިވަމުން ދިޔަ ވަރަކަށް ހައިރާންކަމާއެކު ޝައުގުވެރިކަންވެސް އިތުރުވަމުން ދިޔަ އެވެ.

އެމްޑަބްލިއުއެސްސީގައި އަލިފާން ރޯވެ، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހިނގި ހާދިސާގައި މިތަނުން އެއް މަނަވަރު ކަމުގައިވާ އައިއެންއެސް ދީޕަކް ވަނީ ރާއްޖެ އައިސްފަ އެވެ. އެ މަނަވަރަށް އަރާލުމުގެ ފުރުސަތު އެފަހަރު ލިބިގެން ދިޔަ އެވެ. އެއީވެސް ބޮޑު މަނަވަރެކެވެ. ނަމަވެސް ވިކްރަމާދިތުޔަ ވަރުގެ ކަމެއް އަދި ނުދެކެވެ.

އަޅުގަނޑުގެ އިތުރުން މަނަވަރަށް އެރި އެތައް ދިވެހީންގެ ވާހަކަވެސް ހުރީ ހަމަ މިހެންނެވެ. ވިކްރަމާދިތުޔާ ވަރަށް ތަފާތެވެ. ވަރަށް ހިތް ގައިމެވެ.

ވިކްރަމާދިތުޔަ ތާރީހުގެ ފަތްފުއްތަކުން!

1987 ވަނަ އަހަރު މަނަވަރު ބަނދެ ނިންމާ މާކަނޑަށް ނުކުތީ "ބަކޫ"ގެ ނަމުންނެވެ. އޭގެ ފަހުން ސޮވިއެޓް އަދި ރަޝިޔާގެ އަސްކަރިއްޔާގައިވެސް ބޭނުންކުރެވުނު މަނަވަރާ އިންޑިއާ އިން ހަވާލުވީ 2013 ވަނަ އަހަރު އެވެ.

ވިކްރަމާދިތުޔަ އަށް ނަން ދީފައި ވަނީ އިންޑިއާގެ މަދްޔަޕްރަދޭޝް ސްޓޭޓްގެ އުއްޖެއިން ޑިސްޓްރިކްޓުގެ އުއްޖެއިން ސިޓީގައި ރަސްކަންކުރެއްވި ރަސްކަލެއް ކަމުގައިވާ ވިކްރަމާދިތުޔައާ ގުޅުވައިގެންނެވެ. ވިކްރަމާދިތުޔަގެ މާނައަކީ "ބްރޭވް އޭޒް ދަ ސަން" އެވެ.

"އެއީ 23 ބުރީގެ އިމާރާތެއް"

ދިގުމިނުގައި 285 މީޓަރު، ފުޅާ މިނުގައި 60 މީޓަރު އަދި އުސްމިނުގައި 60 މީޓަރު ހުންނަ އެ މަނަވަރަކީ އިންޑިއާގައި މިވަގުތު އޮތް އެންމެ ބޮޑު މަނަވަރެވެ. މަނަވަރުގެ ސެކަންޑް އިން ކޮމާންޑް ޖަނަތު ދޭވްލީ ވިދާޅުވީ މަނަވަރަކީ 23 ބުރީގެ އިމާރާތަކާ އެއްވަރުގެ އުސްމިނެއް ހުރި މަނަވަރެއް ކަމަށެވެ. ފެނުން މައްޗަށް 13 ބުރި ހުރި އިރު ފެނުގެ އަޑީގައި 10 ބުރި އިންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިކްރަމާދިތުޔަ: ދިގުމިނުގައި 285 މީޓަރު، ފުޅާ މިނުގައި 60 މީޓަރު އަދި އުސްމިނުގައި 60 މީޓަރު ހުރޭ

އޭނާ ވިކްރަމާދިތުޔަ ސިފަ ކުރަނީ ދުވަހަކުވެސް ނުނިދާ "ފްލޯޓިން ސިޓީ" އެއްގެ ގޮތުގަ އެވެ.

"މަނަވަރަކީ ފްލޯޓިން ސިޓީއެއް. މިއީ ދުވަހަކުވެސް ނުނިދާ ސިޓީ އެއް،" އޭނާ ވިދާޅުވި އެވެ.

މަހެއްގެ މައްޗަށް އެއް ލައްކަ ބިސް ބޭނުންވޭ!

އެހާ ބޮޑު މަނަވަރެއް އޮޕަރޭޓްކޮށް ބަލަހައްޓަން އެތައް ކްރޫ އިން ނެއް ބޭނުންވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ވިކްރަމާދިތުޔަގައި 1600 އޮފިސަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ދަތުރެއްގައި ކަނޑަށް ނުކުތުމަށްފަހު އެނބުރި ގައުމަށް ދަނީ ދޭއް ނުވަތަ ތިން މަސް ފަހުން ކަމަށް ސެކަންޑް އިން ކޮމާންޑް ޖަނަތު ދޭވްލީ ވިދާޅުވި އިރު، ހުރިހާ އޮފިސަރުންގެ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް މަނަވަރުން ލިބެން ހުރެ އެވެ.

ވިކްރަމާދިތުޔަގައި ކްރޫ އިން އަރާމުކޮށްލަން ތައްޔާރުކޮށްފައިވާ ލައުންޖު -- ސަން ފޮޓޯ: ޝަފްނާ ހުސައިން

މަނަވަރުގައި ބޭނުންކުރާ ޕާން ތައްޔާރު ކުރަނީ މަނަވަރުގައި ހުންނަ ބޭކަރީ އިންނެވެ. މަސައްކަތް ނިންމާލުމަށްފަހު ވަރުބަލި ފިލުވާލައި، ކުޑަ ހަފްލާތައް ބާއްވާނެ ތަނަވަސް ޖާގަ ފަހިކޮށްފައިވެ އެވެ.

ޖަނަތު ދޭވްލީ ވިދާޅުވީ ދަތުރަކަށް ފުރަނީ 100- 120 ޓަނުގެ ކާނާ ހިފައިގެން ކަމަށާއި، މަހެއްގެ މައްޗަށް ލައްކައެއްހާ ބިސް ބޭނުންވާ ކަމަށެވެ.

30 އެނދުގެ ހޮސްޕިޓަލެއްވެސް ހުރޭ

ވިކްރަމަދިތުޔަގައި އެއްފަހަރާ 30 މީހުން އެނދުމަތިކޮށް ފަރުވާ ދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. އެންމެ ރަނގަޅު ސިއްހީ ފަރުވާ ލިބިދެވޭ އިރު، މަނަވަރުގައި އެކި ދާއިރާތަކުން ސްޕެޝަލިސްޓު ޑޮކްޓަރުން ހަރަކާތްތެރިވެ އެވެ. އޭގެ އިތުރުން ސާޖަރީ އާއި ފިޒިއޮތެރަޕީގެ ހިދުމަތްވެސް ވަނީ ގާއިމުކޮށްފަ އެވެ.

ވިކްރަމަދިތުޔަގައި ހުންނަ ސާޖަރީ ކުރާ ކޮޓަރިއެއް -- ސަން ފޮޓޯ: ޝަފްނާ ހުސައިން

މަނަވަރުގައި 34 އެއާކްރާފްޓު އުފުލޭ

އިންޑިއާ އަސްކަރިއްޔާގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ އަސްކަރީ އުޅަނދު ކަމުގައިވާ ވިކްރަމާދިތުޔަގައި 34 އަސްކަރީ ވައިގެ އުޅަނދު އެއްފަހަރާ އުފުލޭނެ އެވެ. މަތިންދާބޯޓު ޖައްސައި ހެދުމަށް ހާއްސަ "ރަންވޭ" ވެސް ގާއިމުކޮށްފައި ވާއިރު، މަނަވަރު ފަރުމާކޮށްފައި ވަނީ ރޭމްޕެއްގެ ގޮތަށް އުޅަނދުތައް އުދުއްސާލަން ފަސޭހަވާނެ ގޮތަށެވެ.

ވިކްރަމާދިތުޔަގައި އުފުލާ ބައެއް އަސްކަރީ މަތިންދާބޯޓު -- ސަން ފޮޓޯ: ޝަފްނާ ހުސައިން

މަނަވަރުގެ ރަންވޭގެ ސައިޒަށް ބަލާނަމަ، އެއީ އެއާޕޯޓެއްގެ ރަންވޭގެ ގާތްގަނޑަކަށް 1/12 ކަމަށް މަނަވަރުގެ އޮފިސަރަކު ވިދާޅުވި އެވެ. އޭނާ ބުނީ ރަންވޭ ކުޑަ ނަމަވެސް، ބޯޓުތައް ޖެއްސުމަށް މާބޮޑު އުނދަގުލެއް މިހާރު ނުވާ ކަމަށެވެ.

ވިކްރަމާދިތުޔަގެ ރަންވޭ -- ސަން ފޮޓޯ: ޝަފްނާ ހުސައިން

މަނަވަރުގެ ދެވަނަ ދަތުރު ރާއްޖެއަށް!

އިންޑިއާ އަސްކަރިއްޔާގެ ހިދުމަތާ ވިކްރަމާދިތުޔަ ގުޅުނު ފަހުން އެ މަނަވަރު ފުރަތަމަ ދަތުރެއް ކޮށްފައި ވަނީ އަވައްޓެރި ސްރީލަންކާ އަށެވެ. ދެވަނަ ދަތުރު ރާއްޖެއަށް މިހާރު ކުރަމުން ދާއިރު، ރާއްޖެއަށް މިފަދަ ދަތުރެއް ކުރުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަގުސަދުގައި ކުރި ދަތުރެއް ކަމަށް މަނަވަރުގެ ސެކަންޑް އިން ކޮމާންޑް ޖަނަތު ދޭވްލީ ވިދާޅުވި އެވެ.

ވިކްރަމާދިތުޔައަށް ޒިޔާރަތް ކުރި ބައެއް ދިވެހިން. އެމީހުން ބުނަނީ ކުރެވުނީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް -- ސަން ފޮޓޯ: ޝަފްނާ ހުސައިން

ޖަނަތު ދޭވްލީ ވިދާޅުވީ މަނަވަރު ރާއްޖެއަށް ދަތުރެއް ކުރުމަށް ނިންމީ، ދެ ގައުމުގެ ދެމެދުގައިވާ ވަރުގަދަ ގުޅުމުގެ ސަބަބުން ކަމަށެވެ.

މަނަވަރު ވަރަށް ސަޅި!

މިއަދު ހެނދުނު އާންމުންނަށް މަނަވަރު ދައްކާލުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ މަނަވަރަށް އަރައިފަ އެވެ. އެކި އުމުރުތަކުގެ ދިވެހިން މަނަވަރަށް އެރި އިރު އެންމެ ގިނައިން ފެނުނީ ކުޑަކުދިން ގޮވައިގެން މަނަވަރު ބަލާލުމަށް ގޮސްތިބި މީހުންނެވެ.

"ދަރިފުޅު ވަރަށް އެންޖޯއި ކޮށްލައިފި ބޯޓު. ވަރަށް ތަފާތު ކަމެއް މީ. ކުރިން ނާރަން މިކަހަލަ ބޯޓަކަށް،" އުމުރުން ތިން އަހަރުގެ ދަރިފުޅު ގޮވައިގެން މަނަވަރަށް އެރި އަންހެންކު ބުންޏެވެ.

ވިކްރަމާދިތުޔައަށް ޒިޔާރަތް ކުރި ބައެއް ދިވެހިން. އެމީހުން ބުނަނީ ކުރެވުނީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް -- ސަން ފޮޓޯ: ޝަފްނާ ހުސައިން

އެތައް ބަޔަކު މަނަވަރުގައި ސެލްފީ ނަގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރަމުން ދިޔަ އިރު، އިންޑިއާ ކާނާގެ ރަހަތައްވެސް ދިވެހިންނަށް ވަނީ ދައްކާލާފަ އެވެ.

އެކުވެރިންތަކަކާ އެކު މަނަވަރަށް އެރި ޒުވާން ފިރިހެން ކުއްޖަކު ބުނީ ކުރެވުނީ ވަރަށް ތަފާތު ސަޅި ތަޖުރިބާއެއް ކަމަށެވެ.

"ވަރަށް ފޮޓޯވެސް ނަގައިފިން މިހާރު. ވަރަށް ސަޅި ހަމަ،" ހިނިގަނޑެއް ޖަހާލާފައި އޭނާ ބުންޏެވެ.

މަނަވަރުން ރާއްޖޭގެ ގަދަ ނޫ ކަނޑު ދުރަށް ފެތުރިފައިވާ ހިތްގައިމު މަންޒަރު ފެންނަ އިރު މަނަވަރަށް ވުރެ އެ މަންޒަރު ކަމުދިޔަ މީހުންވެސް ތިއްބެވެ.

ވަކި އުސޫލެއްގެ މަތިން މިއަދާއި މާދަމާ ވިކްރަމާދިތުޔައަށް އަރާލުމުގެ ފުރުސަތު ދިވެހިންނަށް ލިބުމާ ގުޅިގެން ދިވެހިންނަށް މިވަނީ އަނެއްކާވެސް އާ ކަމެއް ތަޖުރިބާކޮށްލެވިފަ އެވެ. އެފަދަ މަނަވަރަކަށް އަރާލުމަކީ ކޮންމެ ދުވަހަކު ލިބޭ ކަހަލަ ފުރުސަތެއް ނޫނެވެ. އެކަން ދެނެތިބެ، ގިނަ ދިވެހީންނެއް މިވަނީ އެ ފުރުސަތުގެ ބޭނުން ނިކަން ރަނގަޅަށް ހިފާފަ އެވެ.