މިމަހުގެ 21 ވަނަ ދުވަހު ގެލެކްސީ އެސް 7 މުޅިން އަލަށް އާންމުންނަށް ދައްކާލަން ނިންމާފައިވަނިކޮށް އެ ފޯނުގެ ފޮޓޯތަކެއް އޮޅުމަކުން ލީކުވެއްޖެ އެވެ.

މިފަހަރު ސެމްސަންގުން ނެރޭ ގެލެކްސީ އެސް 7 ފޯނު އާންމުންނަށް ރަސްމީކޮށް ދައްކާން ނިންމާފައި ވަނީ ބާސެލޯނާގެ އަމީގޯގައި ބާއްވާ މޯބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިއުސީ)ގަ އެވެ. އަދި އޭގެ ކުރިން އެ ފޯނާއި ބެހޭ އެއްވެސް މައުލޫމާތެއް ނުދިނުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

ގެލެކްސީ އެސް 7 ފޯނުގެ ފޮޓޯތަކެއް ލީކުވެފައި ވަނީ އެ ފޯނާ ބެހޭ ގިނަ މައުލޫމާތުތަކަކާ ވެސް އެކު އެވެ. ފޯނުގެ ފޮޓޯތައް ލީކުވީ ސެމްސަންގް އިންޑޮނޭޝިއާގެ ބްރާންޗަށް އޮޅުމަކުން ކަމަށް އިންޓާނޭޝަނަލް ބިޒްނަސް ޓައިމްސްގައި ވަނީ ބުނެފަ އެވެ.

ގެލެކްސީ އެސް 7ގެ ހާއްސަ ފީޗާސްތައް

  • ވަޔަރލެސް ޗާޖިން

  • ވޯޓަރ ޕްރޫފް

  • ފިންގަރ ޕްރިންޓް ސެކިއުރިޓީ

ސެމްސަންގް އިންޑޮނޭޝިއާގެ ބްރާންޗަށް އޮޅިގެން ޔޫޓިއުބުގައި އާންމުކުރެވުނު އެވީޑިއޯގައި ގެލެކްސީ އެސް 7 ގެ އިޝްތިހާރެއް ކުޅެފައި ވަނީ އެގައުމުގެ އޮލިމްޕިކް އާޗާއެއްކަމަށްވާ ލިލީސް ހަންޑަޔާނީ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން ފޯނު ވަޔަލެސްކޮށް ޗާޖުކުރެވެ އެވެ. އަދި ވޯޓާ ޕްރޫފްކަން ދައްކުވާދިނުމަށް ފޯނާއެކު ބޭރުގައި ހުއްޓައި ވާރޭވެހޭ މަންޒަރެއް ވެސް ވަނީ ދައްކުވައިދީފަ އެވެ.

އާންމުކޮށް ސްމާޓްފޯނުތައް ބޭނުން ކުރެވޭ އުސޫލުން މިފަހަރުގެ ފޯނަކީވެސް ކޮންމެ މާހައުލަކަށް ވެސް ފިޓް ފޯނެއްލަން އެ އެޑުން ދައްކުވައިދެ އެވެ. ފޯނު ޑިޒައިންކޮށްފައި ވަނީ ސެމްސަންގް ގެލެކްސީ އެސް 6 އެކޭވެސް އެއްގޮތަށެވެ.

ބައެއް ސޯސްތަކުން ބުނާ ގޮތުގައި މިމަހު ނެރެން ހަމަޖެހިފައިވާ ގެލެކްސީ އެސް ސެވެން ސީރީޒްގެ އެކި ސައިޒުގެ ފޯނު ނެރޭނެ އެވެ. އަދި އެފޯނުތައް އިންނާނީ ތަފާތު ދެ ވޭރިއެންޓް އަކަށް ކަމަށް ވެސް ވަނީ ސޯސްތަކުން ބުނެފައެވެ. އެއީ އާދައިގެ އެސް ސެވެން އަކާއި އެސް ސެވެން އެޖްގެ ވޭރިއެންޓެވެ.