16 Feb 2016, 15:01
ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައި، ވިހެއުމުގެ ތެރޭގައި މަރުވާ މައިންނާއި ތުއްތު ކުދިންގެ މައުލޫމަތު އެއްކޮށް އެ ފަދަ ހާދިސާތައް މަދު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މައުލޫމާތު ބަދަލުކޮށް މަޝްވަރާ ކުރުމަށް ބާއްވާ ސަރަހައްދީ ބައްދަލުވުން މިއަދު ފަށައިފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ހެލްތު މިނިސްޓްރީ އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ޕެރެޑައިސް އައިލެންޑު ރިސޯޓުގައި ކުރިއަށް ގެންދާ، 107 މަންދޫބުން ބައިވެރިވާ ބައްދަލުވުން އިފްތިތާހު ކޮށްދެއްވީ މިއަދު އެ ރިސޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

ވިހެއުމުގެ ތެރޭގައި މައިންނާއި ދަރިން މަރުވުން މަދުކުރަން ރާއްޖޭގައި ކުރިއަށްދާ ސަރަހައްދީ ބައްދަލުވުން ---ސަން/ފޮޓޯ: މުހައްމަދު އަފްރާހު
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، އެފަދަ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެއްސީ ވިހެއުމާއި ޅަފަތުގައި މަރުވާ ކުދިންނާއި މައިން މަދުކުރުމަށް ސިއްހީ ދާއިރާގައި ހަރުދަނާ ފިޔަވަޅުތަކަކާއި އުސޫލުތަކެއް ގެންގުޅޭތީ ކަމަށެވެ.
"މި ބައްދަލުވުމުގެ މުހިއްމު ކަމަކީ އެނގިވަޑައިގަންނަވާނެ ފަދައިން ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތްތެެރިންނާއި އަދި ސިއްހީ ދާއިރާ އަށް ލިބިފައިވާ ކުރިއެރުމަށް ބިނާކޮށް މި ކުރިއެރުން އަދި ލިބިފައިވާ ތަރައްގީ އަޅުގަނޑުމެން އެބަ ޖެހޭ އެހެން ގައުމު ތަކާ އެހެން ގައުމުތަކާ ޝެއާކޮށް ރާއްޖެ އަށް ދިމާވާ ލަނޑުދަނޑިތައް ފާހަގަކޮށް އިތުރަށް ތަރައްގީ ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބަލަން"، މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސާސްކަފުގެ މިލެނިއަމް ޑިވެލޮޕްމެންޓު ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ވިހެއުމުގައި މަރުވާ މައިންނާއި ތުއްތު ކުދިންގެ އަދަދު މަދުކުރުމަށް ރާއްޖޭގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ކުރިން އެކަން ހާސިލުވެފައިވާ ކަމަށެވެ.
"ގޯލް ހަތަރެއް އަދި ފަހެއް އެވަނީ ރާއްޖެ އިން އެޗީވް [ހާސިލު] ކޮށްފައި. ސާކު އަދި ޑަބްލިއުއެޗްއޯގެ ފަރާތުން ދެއްވާ އެހީގެ ދަށުން މިހާރު ވަނީ 132 ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ނިއޯ ނޭޓަލް ކެއާ އަދި މެޓާނަލް ކެއާ ދިނުމަށް ބޭނުންވާ ތަކެތި އެތަންތަނަށް ފޮނުވާފައި." މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި ވިހެއުމުގެ ތެރޭގައި މަރުވާ މައިންނާއި ތުއްތު ކުދިންގެ އަދަދު 1990 ވަނަ އަހަރާ އަޅާ ބަލާ އިރު 2014 ވަނަ އަހަރު ވަރަށް ބޮޑުތަން ދަށް ވެފައިވާ ކަމަށެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ބައްދަލުވުމުގައި ސަރައްހައްދީ ގައުމުތަކާއި ރާއްޖޭގެ ސިއްހީ ދާއިރާ، އަމިއްލާ ޖަމިއްޔާ ޖަމާއަތްތަކާ އދ.ގެ އެކި އެޖެންސީތަކުން 107 ފަރާތަކުން ބައިވެރިވެ އެވެ.