އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲގެ މައްޗަށް ދައުލަތުން އުފުއްލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ހުކުމް ކުރުން މިއަދު 4:00 ޖަހާއިރަށް ތާވަލުކުރުމަށް ފަހު މިރެއަށް ފަސްކޮށްފި އެވެ.

އިމްރާނަށް ހުކުމް ކުރުން މިރޭ 8:30 އަށް ފަސްކޮށްފައިވާކަން އިމްރާނުގެ ވަކީލުން ވަނީ ޔަގީންކޮށްދީފަ އެވެ. އަދި އެކަން މިހާރު ވަކީލުންނަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އޭނާ އަނިޔާވެރިކަމަށް ހިއްވަރުލިބޭ ގޮތަށް ވާހަކަ ދެއްކެވުމުން، އެ ވާހަކަތަކުން ހިއްވަރުލިބިގެން މުޒާހަރާގެ ބައިވެރިން ފުލުހުނަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ބުނެ އެވެ.

ނަމަވެސް އިމްރާން ވަނީ އެ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ. އެ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި މެއި މަހުގެ އެއް ވަނަ ދުވަހުގެ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކައިގެ ވީޑިއޯ ރެކޯޑިން އާއި ޕިކަޕެއްގޮސް ފުލުހުންގެ ސަފު ފޫއަޅުވާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އަކާއި މުޒާހަރާގެ ބައިވެރިން ފުލުހަކަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހިމެނެ އެވެ.

އެ މުޒާހަރާގައި ހަމަނުޖެހުން ހިންގަން އެއްވެސް ފަރާތަކަށް އިމްރާން އިރުޝާދު ދެއްވިކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައެއް ނުވެ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިމްރާނަށް އަންނާނެ އެވެ.