އަލްގުދުސް (ފެބްރުއަރީ 16): ފުރޮޅުލީގޮނޑިއެއްގައި ހުރި ފަލަސްތީނުގެ މީހަކަށް އިސްރާއީލްގެ ފުލުހަކު އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ފަލަސްތީނުގެ ހުޅަނގުއައްސޭރީގައި ހިނގި އެ ހާދިސާގައި އަނިޔާވީ މީގެ ދިހަވަރަކަށް އަހަރު ކުރިން ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ހިނގުމަށް ނުކުޅެދިފައިވާ 53 އަހަރުގެ މާޖިދު އަލް ފަހުރީއަށް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވި އެ ވީޑިއޯއިން ފެނިގެން ދަނީ ބިންމައްޗަށް ވެއްޓިފައި އޮތް ފަލަސްތީނުގެ އަންހެން ކުއްޖަކަށް އެހީވާން މާޖިދު މަސައްކަތް ކުރުމުން، އިސްރާއީލްގެ ފުލުސްމީހާ މާޖިދުގެ ގޮނޑީގައި ޖަހާ ފަހަތަށް ވައްޓާލާ މަންޒަރެވެ. އެވަގުތު އެސަރަހައްދުގައި ތިބި މީހުން ވަނީ މާޖިދަށް އެހީތެރިވާން މަސައްކަތްކުރެ އެވެ. ނަމަވެސް، ފުލުހުން ވަނީ އެމީހުންނަށް ބަޑިން ބިރު ދައްކާ، ކޮއްޕާ ފަހަތަށް ޖައްސާފަ އެވެ. އަދި އެ ސަރަހައްދުގައި ތިބި މީހުން ފޮނުވާލުމަށް އެމީހުންނާ ދިމާލަށް ސްޓަން ގްރެނޭޑެއް ވަނީ އުކާފަ އެވެ.

މާޖިދު ބުނި ގޮތުގައި ބިންމައްޗަށް ވެއްޓިފައި އޮތީ އިސްރާއީލް ފުލުހުން ބަޑިން ހަމަލާދިން 14 އަހަރުގެ އަންހެން ކުއްޖެކެވެ. އެކުޑަކުއްޖާގެ ގަޔަށް ފުލުހުން ބަޑިޖެހީ އޭނާ ފުލުހަކަށް ވަޅިން ހަމަލާދޭން މަސަކަތް ކުރިކަމަށް ބުނެ އެވެ.

"އެކުއްޖާގެ އަތުންނާއި ގައިގެ އެއްކޮޅުން ލޭ އަންނަތަން ފެނުމުން އަހަރެން ހީކުރީ ލޭމަނާ ނުވުމުގެ ސަބަބުން އެކުއްޖާ މަރުވެދާނެ ކަމަށް. އެހެންވެ އެހީވާން މަސައްކަތް ކުރުމުން ފުލުހަކު އަހަރެން ހުއްޓުވާފަ އަނބުރާ ދާން އަމުރުކުރި. ދެން އަހަރެން ވައްޓާލީ އަދި އަހަރެންގެ ބޯ ޖެހުނީ ބިން މަތީގައި،" މާޖިދު ބުންޏެވެ.

މާޖިދަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅެވެ. ފުލުހުން ޒަހަމްކުރި އަންހެންކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އިސްރާއީލް ފުލުހުންނެވެ.

އިސްރާއީލް ފުލުހުންގެ ތަރުޖަމާނު، މިކީ ރޯޒެންފީލްޑް ވަނީ އެގައުމުގެ ޖަސްޓިސް މިނިސްޓްރީން އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ. (ޓެލެގްރާފް)