25 Apr 2010, 16:58
19:00
މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެލޭރިއާ ޖެހިގެން މަރުވާ މީހުންގެ އަދަދު ތިރިކުރުމަށް ގައުމުތަކުން މަސައްކަތްކުރުމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީމޫން ގޮވާލައްވައިފި އެވެ.
ދުނިޔޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ މެލޭރިއާ ދުވަހާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ބަންކީމޫން ވިދާޅުވީ އޭނާގެ ލަނޑުދަނޑިއަކީ މިހިނގާ 2010 ވަނަ އަހަރު ނިމޭއިރު މެލޭރިއާގެ ސަބަބުން މަރުވާ މީހުންގެ އަދަދު އެއްކޮށް ތިރިކުރުން ކަމަށާއި އެހެން ނަމަވެސް މިލަނޑުދަނޑިއާ ހަމައަށް ވާސިލްވެވޭނީ މިކަމަށް ގައުމުތަކުން އެއްބާރުލުން ދީގެން ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ވަސީލަތްތައް ގައުމުތަކަށް ފޯރުކޮށްދެވިއްޖެނަމަ ދުނިޔެއިން މެލޭރިއާ ނައްތާލެވިދާނެ ކަމުގެ އުންމީދު އެބައޮތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަދިރީގެ ޒަރީއާއިން ޖެހޭ މިނުރައްކާތެރި ބަލީގެ ސަބަބުން އަހަރަކު މިލިއަނެއްހާ މީހުން ދަނީ މަރުވަމުންނެވެ. އަދި މީގެ ތެރޭން 85 ޕަސެންޓަކީ އުމުރުން ފަސް އަހަރު ނުފުރޭ ކުޑަކުދިންނެވެ. ދުނިޔޭގައި މިބަލި އެންމެ އާންމުކޮށް ފެންނަނީ އެފްރިކާގެ ގައުމުތަކުންނެވެ. ނަމަވެސް އެފްރިކާގެ އިތުރުން އޭޝިއާ އާއި ދެކުނު އެމެރިކާގެ ގައުމުތަކުގައި ވެސް މިބަލީގެ ސަބަބުން އެތައް ބަޔަކު މަރުވަމުންދެ އެވެ.