ދެހާސް ފަނަރަ ވަނަ އަހަރުގެ އެންމެ މޮޅު ލަވައިގެ ގްރެމީ އެވޯޑު، އެޑް ޝީރަންގެ ލަވަ "ތިންކިންގ އައުޓް ލައުޑް"އަށް ލިބިއްޖެ އެވެ. އެ ލަވައަށް އެވޯޑު ލިބިގެން ދިޔައީ ރޭ ބޭއްވި 58 ވަނަ ގްރެމީ އެވޯޑްސްގަ އެވެ.

ގްރެމީ އެވޯޑްސްއަކީ މިއުޒިކީ ދާއިރާގައި ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

އެންމެ މޮޅު ލަވައިގެ އެވޯޑު އެޑް ޝީރަންއަށް ލިބުނު އިރު، އެންމެ މޮޅު ޕޮޕް ސޯލޯ ހުށަހެޅުމަށް ވެސް ހޮވުނީ އެލަވަ އެވެ. މިއީ އޭނާއަށް ގްރެމީ އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.

އެންމެ މޮޅު ރެކޯޑުގެ އެވޯޑު ލިބުނީ މާކް ރޮންސަންއާއި ބްރޫނޯ މާރސްގެ ލަވަ "އަޕްޓައުން ފަންކް"އަށެވެ. މިލަވަ އަށް ބެސްޓް ޕޮޕް ގްރޫޕް ޕަފޯމަންސް އެވޯޑު ވެސް ލިބިގެން ދިޔަ އެވެ.

އަހަރުގެ އެންމެ މޮޅު އަލްބަމުގެ ގްރެމީ، ޓޭލަރ ސްވިފްޓުގެ 1989 އަލްބަމަށް ލިބި، ބެސްޓް ޕޮޕް ވޯކަލް އަލްބަމްގެ އެވޯޑު ވެސް އެ އަލްބަމަށް ލިބިފައިވެ އެވެ. ދާދި ފަހުން މިއުޒިކީ ދާއިރާއަށް ނުކުތް ލަވަކިޔުންތެރިންގެ ތެރެއިން އެންމެ މޮޅު ލަވަކިޔުންތެރިޔަކަށް ހޮވިފައި ވަނީ މޭގަން ޓްރެއިނޯރ އެވެ.

މީގެ އިތުރުން ރެޕް ލަވަކިޔުންތެރިޔާ ކެންޑްރިކް ލަމަރއަށް ވަނީ ބޮޑެތި ކާމިޔާބީތަކެއް ލިބިފަ އެވެ. އަހަރުގެ އެންމެ މޮޅު ރެޕް ޕަފޯމަންސްގެ އެވޯޑު އޭނާގެ ލަވަ "އޯލްރައިޓް"އަށް ލިބުނު އިރު، ބެސްޓް ރެޕް ލަވައިގެ އެވޯޑު ވެސް ލިބުނީ އެ ލަވައަށެވެ. ބެސްޓް ރެޕް ކޮލެބޮރޭޝަންގެ އެވޯޑު ލިބުނީ އޭނާއާއި އިތުރު ތިން އާޓިސްޓަކު ހުށަހަޅާފައިވާ ލަވަ "ދީޒް ވޯލްސް" އަށެވެ. އަދި ބެސްޓް ރެޕް އަލްބަމް ވެސް ލިބުނީ ކެންޑްރިކްގެ އަލްބަމް "ޓު ޕިމްޕް އަ ބަޓަރފްލައި" އަށެވެ.

ގްރެމީ އެވޯޑްސް ހަފްލާގައި އެޑޭލްއާއި ކެރީ އަންޑަރވުޑް ފަދަ މަޝްހޫރު ތަރީންގެ ލަވަ ހުށަހެޅުންތައް ފެނިގެން ދިޔަ އިރު، އެ ހަފްލާގައި ހުށަހެޅުމަށް ހަމަޖެހިފައި އޮތް ލަވަކިޔުންތެރިޔާ ރިހާނާއަށް ވަނީ، ވޯކަލް ކޯޑަށް ހެމޮރޭޖެއް ދިމާވެދާނެތީ، ޑޮކްޓަރުގެ ލަފާގެ މަތިން ހުށަހެޅުން ކެންސަލް ކޮށްފަ އެވެ.