ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު ޓީސީ ސްޕޯޓްސް ކްލަބުގެ ފަރިތަކުރުންތައް ފަށައިފި އެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް(ނިޒާމްބެ) މިއަދު 'ސަން' އާ ވަހަކަ ދައްކަމުން ބުނީ އާސީޒަނަށް އެ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާ އިރު އަމާޒަކީ ގަދަ ހަތަރަކުން ޖާގަ ހޯދުން ކަމަށާއި އެ އަމާޒަށް ވާސިލް ވުމަށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށެވެ.

"މިދިޔަ ސީޒަނުގައި ޓީސީގެ މެނޭޖްމަންޓުން ކަނޑައަޅާފައިވާ އަމާޒަކީ ގަދަ ހަޔަކަށް އެރުން. އެ އެމާޒު ހާސިލް ކުރެވިއްޖެ. މި ސީޒަނަށް ގަދަ ހަތަރަކަށް އެރުމަށް ކަނޑައަޅާފައިވާ ޓާގެޓަށް ވާސުލުވުމުގެ ފުރިހަމަ ޔަގީން ކަން އިބައޮތް،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ އެހެން ބުނެފައިވާ އިރު ޓީސީ އިން ނިމިދިޔަ ސީޒަން ނިންމާލާފައި ވަނީ ބޮޑެތި ކްލަބުތައް ސިއްސުވާލުމަށް ފަހު ލީގްގެ ދެވަނަ ޓީމުގެ ގޮތުގައި ކަން ފާހަގަކޮށްލެވެ އެވެ.

ޓީސީގެ ފަރިތަކުރުންތައް އިއްޔެ ފަށާފައިވާ އިރު އެ ކްލަބުން ވަނީ މިއަހަރުގެ ސީޒަނަށް ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން އާންމުކޮށް ހުޅުވާލައިގެން ޓްރެއެއަލްއެއް ބާއްވައި އޭގެން ފާހަގަކޮށްލެވުނު 14 ކުޅުންތެރިއަކު ޓީމަށް ނަގައިފަ އެވެ.

ޓީސީ އަށް މިދިޔަ އަހަރު ކުޅުނު ކުޅުންތެރިންގެ ތެރެއިން އަހަމުދު ޒާދު އެޓީމު ދޫކޮށް އީގަލްސް އަށް ބަދަލުވި އިރު އެޓީމާއި އަލަށް ގުޅުނު ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ވެސް މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު އަބްދުﷲ (ލިލީ) އެވެ. އެ ދެކުޅުންތެރިންގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަދި މިނިވަން 50 މުބާރާތުގައި ފަރެސް މާތޮޑާ ޓީމަށް ކުޅުނު ޝަމްވީލް ގާސިމް (ބޮންޑާ) ވެސް ވަނީ ޓީސީ އަށް ސޮއިކޮށްފަ އެވެ.

ނިޒާމްބެ ބުނީ ސީނިއާ ބައެއް ކުޅުންތެރިންގެ ތެރެއިން ކެޕްޓަން ޔާމިން އިބްރާހިމް އާއި ބޮންޑާ ވެސް ދެ ދުވަހެއްގެ ތެރޭގައި ޓީމާއި ގުޅޭނެ ކަމަށާއި އަދި ގައުމީ ޓީމު އެނބުރު އައުމުން އެ ޓީމްގައި ހެމެނޭ ޓީސީގެ ކުޅުންތެރިން ވެސް ޓީމާ ގުޅޭނެ ކަމަށެވެ.

މިއަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގް ފަށާނީ އޭޕްރިލް ފަސް ވަނަ ދުވަހު އެވެ.