ސްޓޭޓް ޓުރޭޑިން އޯގަނައިޒޭޝަން(އެސްޓީއޯ)ގެ އާންމު ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެމަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން، "ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަންގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށް ފަހު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ 14:00ގެ ކުރިން ހުށައެޅުމަށް އެކުންފުނިން ވަނީ އަންގައިފަ އެވެ.

ލިބޭ ފޯމުތަކުގެ ތެރެއިން ބޯޑު ޑިރެކްޓަރުކަމަށް ޝަރުތު ހަމަވާ ފަރާތްތަކާ އެކު ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން އިންޓަވިއު ކުރުމަށް ވަނީ ނިންމައިފަ އެވެ. ބޯޑް މެމްބަރަކު އިންތިހާބް ކުރުމަށް ނިންމާފައި ވަނީ އަހަރީ އާންމު ޖަލްސާގައި ވޯޓަކުންނެވެ.

އެ ކުންފުނީގެ ހިއްސާ ބެހިފައިވާގޮތުގެ މަތިންނާއި، އަދި އެސްޓީއޯގެ ހިންގާ ގަވާއިދުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން، ޑިރެކްޓަރުންގެ ބޯޑަށް ޕަބްލިކް ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރެވޭނީ އެއް ޑިރެކްޓަރެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން އައްޔަނު ކުރެވޭނީ ހަ ޑިރެކްޓަރުންނެވެ. މިގޮތަށް ޢައްޔަންކުރެވޭ ހުރިހާ ޑިރެކްޓަރުންނަކީ ވެސް، ވިޔަފާރި އާއި ހިންގުމުގެ ދާއިރާ އިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިގެންވާ ފަރާތްތަކަކަށް ހެދުމަށް އެސްޓީއޯ އިން ބާރުއަޅަމެވެ.