16 Feb 2016, 15:26
ވަޒީފާއާ ބެހޭ މައްސަލަތައް ހުށަހެޅުމަށް އަތޮޅު ތެރޭ މީހުން މާލެ އަންނަން ޖެހޭތީ، އެކަން ހައްލު ކުރުމަށް ޓަކައި މެޖިސްޓްރޭޓް ކޯޓުތައް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނެ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކުރަން ހުށަހަޅައިފި އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ފައްޔާޒު އިސްމާއިލް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ މެޖިސްޓްރޭޓް ކޯޓުތައް މެދުވެރިކޮށް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގޮތްޕެއް ގާއިމްވެފައި ނުވާ ރަށްތަކުގައި ކަމަށެވެ. މެޖިސްޓްރޭޓް ކޯޓުތައް މެދުވެރިކޮށް އަޑުއެހުންތައް ބާއްވަން ޖެހޭނެ ކަމަށާއި އެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް ބިލުގައި ބުނެފައިވެ އެވެ. ޓްރައިބިއުނަލުން ބޭނުންވާ އިދާރީ އެއްބާރުލުން ދަށު ކޯޓުތަކުން ދޭންޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

އިސްލާހު ހުށަހެޅުއްވި މެމްބަރު ފައްޔާޒު އިސްމާއިލް
ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ވީޑިއޯ ނުވަތަ އޯޑިއޯ ކޮންފަރެންސް ނުވަތަ އެނޫންވެސް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަށު ކޯޓު މެދުވެރިކޮށް ޓްރައިބިއުނަލުން މައްސަލަ ބެލޭނެ އިންތިޒާމް އެ އިސްލާހަށް އަމަލު ކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ހަމަޖައްސައި ދޭންވާނެ ކަމަށެވެ. ބިލުގައި އެ މަސައްކަތް މަތިކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާ އެވެ.
ބިލު ހުށަހެޅުއްވި ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްލާއިލް ވިދާޅުވެފައި ވަނީ ވަޒީފާއާ ބެހޭ މައްސަލަތައް ހުށަހެޅުމަށް އަތޮޅުތެރޭ މީހުން މާލެ އަންނަން ޖެހުމުން ކުރަންޖެހޭ ހަރަދުތައް ބޮޑުވެގެންދާ ކަމަށާއި މައްސަލަ ހުށަހަޅަން ޖެހޭ މުއްދަތު ފަހަނަ އަޅައި ބައެއް މީހުންނަށް ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.