ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށް "އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް" އުފެއްދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަސް މެމްބަރުންގެ މައްޗަށެވެ. ބިލުގައި ބުނެފައިވާ ގޮތުން އެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެެވެ.

އެ މަޖިލިސް އެކުލަވާލައްވާނީ އިސްލާމިކް މިނިސްޓަރުގެ ލަފާގެ މަތިން ހޮއްވަވާ މެމްބަރަކާއި އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަން ކުރާ ފަނޑިޔާރަކާއި އިސްލާމިކް ޔުނިވާސިޓީގެ މަޖިލީހުގެ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ދެ މެމްބަރުން ހިމެނޭ ގޮތަށެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައި ވަނީ އިސްލާމީ ފަތުވާދޭ މަޖިލީހުގެ ބޭނުމަކީ ފިގުހީ އައު މައްސަލަތައް ދިރާސާކޮށް އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށް ޓަކަ އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން ދިވެހިންގެ މެދުގައި އުފެދޭ ދީނީ ހިޔާލުތަފާތުވުންތައް ނައްތާލައި މުޖުތަމައުގެ މަސްލަހަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ހިޔާލު ހޯދައި މަޝްވަރާ ކުރުމަށް ދީނީ އިލްމުވެރިންގެ މަހާސިންތާތައް ބާއްވަންވާނެ ކަމަށެވެ.

ދީނީ ފަތުވާދޭ މަޖިލީހުގެ ލަފައަށް އެދުމުގައި އަމަލު ކުރަންވީ ގޮތާއި ޝާއިއުކުރާ ފަތުވާތަކުގައި ފުރިހަމަވާން ޖެހޭ ސިފަތަކާއި ޝަރުތުތައް ބަޔާންކޮށް، މަޖިލީހުގެ އިދާރީ ކަންކަން ހިންގައި ރާވާނެ ގޮތް ބަޔާން ކުރާ ގަވާއިދުތައް ހަދަން ޖެހޭނީ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އިސްލާމީ ފަތުވާދޭ މަޖިލީހެއް އުފެއްދުމަށް ބިލެއް ހުށަހެޅުއްވި އިރު، ދީނީ ކަންކަމުގައި ފަތުވާ ދިނުމަށް ފިގުހު އެކަޑަމީއެއް އޮވެ އެވެ. ފިގުހު އެކަޑަމީއަކީ އިސްލާމިކް މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް އުފައްދާފައިވާ އެކަޑަމީއެކެވެ. އެ އެކަޑަމީގެ މަސައްކަތް ކުރިއަށް ގެންދެ އެވެ. އެންމެފަހުން އެ އެކަޑަމީން ނިންމި މައްސަލައެއް އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ.