ޗެމްޕިއަންސް ލީގުގައި މިރޭ ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ޗެލްސީ ނުކުންނައިރު އެޓީމުގެ ކެޕްޓަން ޖޯން ޓެރީ އަށް ނުކުޅެވޭނެ ކަން ކަށަވަރު ވެއްޖެއެވެ.

ޕްރިމިއާ ލީގުގައި މި ހަފުތާގައި ސަންޑަލެންޑް އަތުން 5-1 އިން ޗެލްސީ މޮޅުވި މެޗުގައި ޓެރީގެ ފަލަމަސްގަނޑަށް އަނިޔާވެގެން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. އަދި އިއްޔެ ޗެލްސީން ބޭއްވި ފަރިތަކުރުން ތަކުގައި ޓެރީ ބައިވެރިވި ނަމަވެސް އެ ޓީމުގެ ކޯޗު ގޫސް ހިޑިންކް ބުނީ މިއަދު ހެދި ޓެސްޓު ތަކުގެ ނަތީޖާތަކުން އޭނާ ހުރީ ފިޓްކޮށް ނޫންކަން އިނގޭ ކަމަށެވެ.

"މިއީ އަހަރެން ނިއްމި ނިއްމުމެއް ނޫން. ޓީމާއި އެކު ދެވޭވަރަށް ވުރެން ޓެރީއަށް ކުރިމަތިވެފައިވާ އަނިޔާ ބޮޑު. އޭނާ ވެސް އެކަން ގަބޫލުކޮށް ޓީމާއި އެކު ނުދާން ވަނީ ނިއްމާފަ. އެއީ ކުޅުންތެރިއާ އަށް ވެސް އެންމެ ފައިދާ ހުރި ގޮތް،" ހިޑިންކް ބުންޏެވެ.

ހިޑިންކް ބުނީ ޓެރީއަކީ މުހިންމު ކުޅެންތެރިއެއް ކަމަށާއި އޭނާ ނުލާ ކުޅެން ޖެހުމުން އެ ކަން ޓީމުން ކޮންމެވެސް ވަރަކަށް ދައްކާނެ ކަމަށާއި ނަމަވެސް އޭނާގެ ބަދަލުގައި ކުޅެން ހުރި ޑިފެންޑަރުންނަށް ވެސް ފުރިހަމައަށް އިތުބާރު އިބައޮތް ކަމަށެވެ.

"ޓެރީ އަކީ މި ޓީމުގެ ލީޑަރު. ނަމަވެސް އޭނާ ނުލާ ކުޅެން ޖެހުމުން އަހަރެން ގޮތް ހުސްވެފައި އެއް ނުހުންނާނަށް. އަހަރެނެނަށް ފުރިހަަމަ އިތުބާރު އިބައޮތް މިޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ވެސް،" ހިޑިންކް ބުންޏެވެ.

ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ދަށް ނަތީޖާތަކެއް ނެރެމުން އައި ޗެލްސީގެ ކޯޗު ކަމާއި ހިޑިންކް ހަވާލުވިފަހުން އެ ޓީމުން އަދި މެޗަކުން ބަލިވެފައިއެއް ނުވެއެވެ. ހިޑިންކްގެ އިރުޝާދުގެ ދަށުން ޗެލްސީއިން މިރޭގެ މެޗަށް ނުކުންނައިރު ޕީއެސްޖީ އިން ވަނީ މި ސީޒަނުގެ ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ރަނގަޅު ފޯމެއްގައެވެ.

"ޕީއެސްޖީ އިން އެމީހުންގެ ލީގްގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު ޗެލްސީ ވެސް ވަނީ މިދިޔަ ދުވަސްތަކުގައި ވަރަަށް ރަނގަޅު ކުޅުމެއް ދައްކާފައި. އަހަރެމެން އެމެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން މިހުރީ،" ހިޑިންކް ބުންޏެވެ.

ޕީއެސްޖީގެ ދަނޑުގައި މިރޭ ރާއްޖެ ގަޑިން 00:45 ގައި އެމެޗު ކުޅެވޭއިރު ހިޑިންކް ބުނީ ދެވަނަ ބުރަށް ދިއުމަށް މިމެޗަކީ ޗެލްސީއަށް ކުރިމަތިވާނެ ވަރަށް ބޮޑު ޓެސްޓަަކަށް ވެގެން ދާނެ ކަމަށެވެ.