ގއ. ވިލިނގިލީގައި ތާރު އެޅުމަށްޓަކައި ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށާއި އަންނަ މަސް ތެރޭގައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ބުނެފި އެވެ.

ވިލިނގިލީ 14 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތާރު އެޅުމަށް ވަނީ ނިންމައިފަ އެވެ. އެމްއާރްޑީސީއާ 2013 ވަނަ އަހަރު ހަވާލު ކުރި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގަ އެވެ. އެ މަސައްކަތުގެ ދަށުން މިއަހަރު ހަ ކިލޯ މީޓަރެއްގެ މަގު ހަދައި ނިންމާނެ ކަމަށް އެ ކުންފުނިން ކުރިން ވަނީ ބުނެފަ އެވެ.

އެމްއާރްޑީސީ ވިލިނގިލީ ސައިޓުގެ އެސިސްޓެންޓް މެނޭޖަރު އަހުމަދު އަމީރު "ސަން"އަށް އިއްޔެ ވިދާޅުވީ ވިލިނގިލީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށެން އަންނަނީ ތ. ވިލިފުށީ މަގުތަކުގައި ތާރު އަޅައި ނިމުމަށް ފަހު ތާރު އަޅާ މެޝިން ގެނައުމުން ކަމަށެވެ. އަދި ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ވިލިނގިލީގައި ފެށިގެންދާނެ ކަމަށެވެ.

"މިހާރު ތާރު އެޅުމުގެ މަސައްކަތް އަޅުގަނޑުމެންނަށް ފެށިއްޖިއްޔާ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މަސައްކަތް ނިންމާލެވޭނެ. މިހާރު ވެސް ތިން ކިލޯ މީޓަރު މަގެއް އެ އޮތީ ހަމަ ތާރު އެޅުމަށް ވާން ޖެހޭ ފުރިހަމަ ތައްޔާރީތައް ވެފައި. އެއީ ތާރު އެޅުމުގެ ކުރިން ފުރަތަމަ ދުއްވާލަން ޖެހޭ ސިމެންތި ލޭޔަރު ވެސް ދުއްވާލައިފައި. ޕޭމަންޓް ވެސް ރެޑީ ކޮށްފައި،" އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ މަހު 9 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް ފަސް މަގެއް އަދި ތާރު އެޅުމަށް ތައްޔާރު ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލިނގިލީގެ ފެން ހިންދާ ނިޒާމު ގާއިމު ކުރަން ނިންމާފައި ވަނީ "ގްރެވިޓީ" ސިސްޓަމެއް މެދުވެރިކޮށެވެ. އެ ސިސްޓަމަކީ ރަަށުގެ ހުސް ބިންތަކުގެ ތާންގީތަކެއް ފައްތައިގެން ފެން ހިންދާ ގޮތަށް ގާއިމް ކުރާ ނިޒާމެކެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ތ. ވިލުފުށި އާއި ގދ. ތިނަދޫގައި އާއި ދ. ކުޑަހުވަދޫގައި އިތުރުން ހއ. ދިއްދޫ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.