16 Feb 2016, 11:12
ވޮޝިންޓަން (ފެބްރުއަރީ 16): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ޖެބް ބުޝް ކުރައްވަމުން ގެންދަވާ ކެމްޕެއިންގައި އޭނާގެ ބޭބެ އަދި އެގައުމުގެ ކުރީގެ ރައީސް، ޖޯޖް ޑަބްލިއު ބުޝް ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވައިފި އެވެ.
ސައުތް ކެރޮލީނާ ސްޓޭޓްގައި އިއްޔެ އޮތް ކެމްޕެއިންގައި ޖޯޖް ބުޝް ބައިވެރިވެ ވަޑައިގަތުން ވެގެން ދިޔައީ 2009ގައި ރިޔާސީ ދައުރު ނިންމެވުމަށް ފަހު އެމެރިކާގެ ސިޔާސީ ދާއިރާއިން ޖޯޖް ބުޝް ފެނިލެއްވި ފުރަތަމަ ފަހަރަށެވެ. ޖޯޖް ބުޝްއާ އެކު އަނބިކަނބަލުން، ލޯރާ ބުޝްވެސް ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އަންނަ ހޮނިހިރު ދުވަހު ސައުތް ކެރޮލީނާގައި އޮތް ޕްރައިމަރީއަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ކެމްޕެއިންގައި ޖޯޖް ބުޝް ވަނީ ރިޕަބްލިކަން ޕާޓީއަށް ތާއިދު ކުރާ ފަރާތްތަކާއި އެމެރިކާގެ އަސްކަރިއްޔާގައި ކުރިން ހިދުމަތް ކުރެއްވި ސިފައިންނާ ބައްދަލުކުރައްވައިފަ އެވެ.
ޖޯޖް ބުޝް ދެއްކެވި ވާހަކަފުޅުގައި އޭނާ ވަނީ ރިޔާސީ ކެނޑިޑޭޓަކު ހޮވުމުގައި "އެންމެ އަޑުގަދަ ކުރާ މީހާއަށް ވުރެ ވިސްނައިގެން ކަންތައްތައް ކުރާ" މީހަކަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.
ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި މިހާރު ކުރީގައި އުޅުއްވަނީ އެމެރިކާގެ ބިލިއަނަރު، ޑޮނަލްޑް ޓްރަމްޕާއި ޓެކްސަސް ސެނެޓާ، ޓެޑް ކްރޫޒް އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޕަބްލިކަން ޕާޓީގެ ޑިބޭޓުގައި ޓްރަމްޕް ވަނީ އިރާގް ހަނގުރާމައަކީ އެމެރިކާ އަށް ހެދުނު އެންމެ "ބޮޑު ކުށް" ކަމަށް ވިދާޅުވެ އެ ހަނގުރާމައިގެ ޒިންމާ ނަންގަވަން ޖެހޭނީ ޖޯޖް ބުޝް ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، ޖެބް ބުޝް ވަނީ އޭނާގެ ބޭބެގެ ދިފާއުގައި ވާހަކަފުޅު ދައްކަވައިފަ އެވެ.
"ޑޮނަލްޑް ޓްރަމްޕް ރިއާލިޓީ ޝޯއެއް ހަދަމުން ދިޔައިރު އަޅުގަނޑުގެ ބޭބެ ދިޔައީ އަޅުނގަޑުމެންގެ ރައްކާތެރިކަމަށް ޓަކައި ސަލާމަތީ ވަސީލަތެއް ގާއިމުކުރައްވަމުން. އަޅުގަނޑުގެ ބޭބެ ކުރެއްވި މަސައްކަތާ މެދު އަޅުގަނޑު ފަހުރުވެރިވޭ،" ޓްރަމްޕްއަށް ރައްދުދެއްވަމުން ޖެބް ބުޝް ވިދާޅުވި އެވެ.
ރިޕަބްލިކަން ޕާޓީގެ ގިނަ މެމްބަރުންގެ ތާއިދު އަދި ވެސް ޖޯޖް ބުޝްއަށް އޮވެ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހެދި ސާވެއަކުން ދެއްކި ގޮތުގައި ރިޕަބްލިކަން ޕާޓީގެ 77 ޕަސެންޓް މީހުން އަދި ވެސް ޖޯޖް ބުޝްއަށް ތާއިދުކުރެ އެވެ. (ސީއެންއެން)