މުޖުތަމައެއް ތަރައްގީވެ ކުރިއަރައި ދިއުމަށް އޮތް އެންމެ ފުރަތަމަ ޝަރުތަކީ އެ މުޖުތަމައަކީ އަމަންއަމާންކަން ގާއިމުވެފައި އޮތް މުޖުތަމައަކަށް ވުންކަން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.

ދޯހާ އިންޓާ ފެއިތު ޑައިލޮގްގެ 12 ވަނަ ކޮންފަރެންސް މިއަދު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ "ފިކުރީ އަމާންކަމަކީ ވިސްނުމާއި ފިކުރު ތަރައްގީ ކުރުމަށް މުހިންމު ބަޔެއް" ކަމަށާއި "ފިކުރީ އަމާންކަން އޮންނާނީ ހަރުކަށިކަމެއް ނެތް އިންސާނީ އަގުތަކާއި މަބްދައުތައް އެކުލެވޭ ލަނޑުދަނޑިތައް ހާސިލް ކުރައްވިގެން" ކަމަށެވެ.

"މިކަމަށްޓަކައި މުސްލިމުން ދީނީ ތައުލީމަށް އަހުލުވެރި ކުރުވުމާއި އެބައިމީހުންގެ ތެރޭގައި އިސްލީމީ ސަގާފަތާއި ހަޟާރަތް ކުރިއެރުވުމާ އެކު އެބައިމީހުން ﷲ އަށް ކިޔަމަންތެރިވުން މުހިންމު،" މިނިސްޓަރު ވިދާޅުވި އެވެ.

ދޯހާ އިންޓާ ފެއިތު ޑައިލޮގްގެ 12 ވަނަ ކޮންފަރެންސް މިއަދު ހުޅުވައިދެއްވީ ގަތަރުގެ މިނިސްޓަރު އޮފް ޖަސްޓިސް ޑރ. ހަސަން ބިން ލަޙްދާން އަލްމުހަންނަދީ އެވެ. އެ ކޮންފަރެންސު މިއަދާއި މާދަމައަށް ދެމިގެންދާނެ އެވެ. އެ ކޮންފަރެންސްގެ ދެވަނަ ދުވަހު ރާއްޖޭގެ ފަރާތުން ހުށައަޅުއްވާ ކަރުދާސް މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ހުށައެޅުއްވުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.