ރިޔާޒު (ފެބްރުއަރީ 16) : ގިނަ އަދަދެއްގެ އިސްލާމީ 35 ގައުމު ހިމަނައިގެން ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އެކުލަވާލި އަސްކަރީ އެލަޔަންސަށް ނޭޓޯ އާއި އެމެރިކާގެ ފުރިހަމަ ތާއީދު އޮތް ކަމަށް ސައޫދީ ސަރުކާރުން ބުނެފި އެވެ.

ސައޫދީ ވަޒީރުންގެ މަޖިލީހުން ބޭއްވި ބައްދަލުވުމަކަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ޓެރަރިޒަމާ ހަނގުރާމަ ކުރުމަށްޓަކައި އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާފައިވާ އެލަޔަންސަށް ވާގިވެރިވާނެ އެލަޔަންސެއްކަން އެމެރިކާއަށާއި ނޭޓޯއަށް ބަޔާންކޮށްދީފައިވާނެ ކަމުގަ އެވެ. މިކަން ނޭޓޯއަށާއި އެމެރިކާއަށް ބަޔާންކޮށްދެއްވީ ޓެރަރިޒަމާ ހަނގުރާމަ ކުރުމަށްޓަކައި އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާފައިވާ އެލަޔަންސްގެ ގައުމުތަކުން ބްރަސަލްސްގައި ބޭއްވި ބައްދަލުވުމުގައި، ސައޫދީ ވަލީއުލްއަހްދުގެ ނައިބު އަދި ދިފާއީ ވަޒީރު މުހައްމަދު ބިން ސަލްމާން ކަމަށް ސައޫދީ ވަޒީރުންގެ މަޖިލީހުގެ ބަޔާން ބުނެ އެވެ. އަދި ބްރަސަލްސްގެ ބައްދަލުވުމުގައި އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުން މި އިސްލާމީ އެލަޔަންސަށް މަރްހަބާ ކިޔާކަން ހާމަކުރި ކަމަށް ވެސް ސައޫދީ ވަޒީރުންގެ މަޖިލީހުގެ ބަޔާން ބުނެ އެވެ.

އިސްލާމީ ގައުމުތަކެއް ހިމަނައިގެން ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އެކުލަވާލި 35 ގައުމު ހިމެނޭ އަސްކަރީ އެލަޔަންސަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެކުލަވާލާފައިވާ އެލަޔަންސެކެވެ. އެ އެލަޔަންސްގައި ހިމެނޭ ވިހި ގައުމަކުން ގެންދަނީ ސައޫދީ އަރަބިޔާގެ ޚަރަދުގައި އެ ގައުމުގެ އުތުރުގައި އަސްކަރީ ތަމްރީނުތަކެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. ސައޫދީ ގެ ކޮމާންޑްގެ ދަށުން ބާއްވާ މިތަމްރީންތަކުގައި ގަލްފު ކޯޕަރޭޝަންގައި ހިމެނޭ އަރަބި ހަ ގައުމުގެ އިތުރުން ޗާޑް، އުރުދުން، މިސްރު، މެލޭޝިއާ، މަޣްރިބް، ޕާކިސްތާން، ސެނެގާލް، މިސްރު، ތޫނިސް، ސޫދާން، ތުރުކީ ، ކޮމޯރޯސް، ޖިބޫތީ، އަދި މޮރިޝަސް މި ގައުމުތަކުގެ ސިފައިން ހިމެނޭކަމަށް ސައޫދީން ބުނެއެވެ.

ސައޫދީ ދިފާއީ ވުޒާރާ ބުނާ ގޮތުން މީގެ ތެރެއިން ގިނަ ގައުމުތަކުގެ ސިފައިންގެ ގްރޫޕްތައް މިހާރު ވަނީ އެ ގައުމުގެ ހަފްރުލްބާތިންގައި ބިނާކޮށްފައިވާ ކިންގް ޚާލިދް އަސްކަރީ ސިޓީގެ އަސްކަރީ ވައިގެބޭހަށް އައިސް ފައެވެ. "ރަޢްދުއްޝަމާލް" ނުވަތަ އުތުރުގެ ގުގުރުމުގެ ނަމުގައި ބާއްވާ މިތަމްރީނުތަކުގައި މި 20 ގައުމުގެ އެއްގަމާއި ކަނޑާ އަދި ވައިގެ ސިފައިން ބައިވެރިވާނެކަމަށްވެސް ސައޫދީ ދިފާއީ ވުޒާރާއާ ހަވާލާދީ އެގައުމުގެ މީޑިޔާ ބުނެއެވެ.

ސައޫދީ އަރަބިޔާއަކީ އައިއެސްއާ ދެކޮޅަށް އެމެރިކާ އިން އެކުލަވާލާފައިވާ ކޯލިޝަންގައިވެސް ހިމެނޭ ގައުމެކެވެ. އަދި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާ ދެކޮޅަށް ވައިގެ ހަމަލާތައް ދިނުމުގެ ނަމުގައި ސައޫދީން ވަނީ 20 ފައިޓަރ ޖެޓް ތުރުކީގެ އިންޖްރިލިކް ވައިގެ ބޭހަށްވެސް ފޮނުވާފައެވެ. ސައޫދީ ން އިސްވެ އުފައްދާފައިވާ އެހެން ކޯލިޝަނެއްކަމަށްވާ އަރަބި ކޯލިޝަނުން މިހާރު ދަނީ ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށްވެސް ވަދެ ހަނގުރާމަ ކުރަމުންނެވެ.

ޔަމަންގައި ސައޫދީން މަސައްކަތް ކުރަނީ އެގައުމުގެ ތާއީދު ލިބިފައިވާ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ވެރިކަން ދިފާއު ކުރުމަށެވެ. ހާދީގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރަނީ ހޫޘީންނާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްގެ ބާރުތަކުންނެވެ. މީގެއިތުރުން ސައޫދީން ވަނީ ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ވަނުމަށްޓަކައި އެމެރިކާގެ ކޮމާންޑްގެ ދަށުން އެގައުމަށް ސައޫދީ އެއްގަމު ސިފައިންގެ ލަޝްކަރެއް ފޮނުވުމަށްވެސް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. (ނޫސްއެޖެންސީތައް)