16 Feb 2016, 10:03
ގާނޫނީ ހައިސިއްޔަތު ލިބިފައިވާ އެއްވެސް ފަރާތެއްގެ ތަހުގީގަށް ހުރަސް އެޅޭނެ ފަދަ ކަމެއް ނުކުރާނެ ކަމަށާއި ސުލްޖުމްހޫރިއްޔާގެ ބޭންކް އެކައުންޓުގެ ތަފްސީލް ހާމަ ކުރުމަށް ރައީސް އެދިވަޑައިގަތުމާ އެކު އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިއަދު ބުނެފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ތަހުގީގަށް ބޭނުންވާ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ބޭންކު އެކައުންޓްތަކުގެ މައުލޫމާތު އޭސީސީ އަށް ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
އެމްއައިބީގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒް މުހައްމަދު ޝަފާއު ހަސަން ސަން އަށް ވިދާޅުވީ ކަސްޓަމަރަކު އެގޮތަށް އެދިވަޑައިގަތުމުން އެ މައުލޫމާތު ކަސްޓަމަރާއި ނުވަތަ ކަސްޓަމަރު އެދިވަޑައިގަންނަވާ ފަރާތަކާ ހިއްސާ ކުރެވިގެންދާނެ ކަމަށެވެ.
"އިތުރު ފަރާތަކަށް ފޮނުވައިދެވޭނީ ކަސްޓަމަރު މިސާލަކަށް ރިކުއެސްޓް މިވެނި ބޭންކްއަކަށް ނުވަތަ މިވެނި ތަނަކަށް ފޮނުވައިދޭށޭ، އެގޮތަށް ފޮނުވައިދެވިދާނެ އަޅުގަނޑުމެންނަށް،." ޝަފާއު ވިދާޅުވި އެވެ.
އޭސީސީގެ ތަހުގީގަށް ބޭނުންވާ އިސްލާމިކް ބޭންކުގެ، ރައީސް ޔާމީންގެ ބޭންކް އެކައުންޓުގެ ތަފްސީލް އޭސީސީ އަށް ދިނުމަށް ލަސްވީ، ބޭންކުން ބުނި ގޮތުގައި، ކޯޓު ހުއްދައެއް ހޯދައި ފުރިހަމަ ކުރަން ޖެހޭ އިޖްރާއަތްތަކެއް ފުރިހަމަ ކުރުމަށެވެ. ފަހަރެއްގައި ވެސް ތަހުގީގީ އިދާރާއެއްގެ ތަހުގީގަށް ހިޔަނި އެޅުވުމުގެ ބޭނުމެއްގައި ނޫން ކަމަށެވެ.
ޝަފާއު ވިދާޅުވީ އެކަން ސިވިލް ކޯޓަށް ހުށަހެޅީ ވަކި ބޭފުޅެއްގެ މައުލޫމާތު ހިއްސާ ނުކުރުމަށް ނޫން ކަމަށާއި އެގޮތަށް ނިންމައި އެ މައްސަލަ ކޯޓަށް ހުށައެޅީ އެފަދަ ކަންކަމުގައި އަމަލު ކުރަންޖެހޭނެ އުސޫލްތައް ބެލުމުގެ ގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ މީގެކުރިން ވެސް އޭސީސީގެ އެދުމުގެ މަތިން އެބެންކުން މައުލޫމާތުތައް އޮންނަ އުސޫލުގެ މަތިން ފޯރުކޮށްދީފައިވާނެ ކަމަށެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އަށް އެކި ގޮތް ގޮތުން ލިބުނު ފައިސާގެ ތެރެއިން 1.22 ބިލިޔަން ރުފިޔާ އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާވެފައިވާ އިރު އޭގެ އިން ބައެއް ފައިސާ ރައީސް ޔާމީންގެ އެކައުންޓްއަކަށް ޖަމާކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.