ބޭރޫތު (ފެބްރުއަރީ 16): ސީރިޔާގެ ހޮސްޕިޓަލްތަކަށް އިއްޔެ ދިން ވައިގެ ހަމަލާތައް ބެލެވޭނީ ހަނގުރާމައިގެ ޖަރީމާތަކުގެ ގޮތުގައި ކަމަށް ފްރާންސާއި ތުރުކީން ބުނެފި އެވެ.

ޔޫއެން އިން ބުނި ގޮތުގައި ފަސް ސިއްހީ މަރުކަޒަކަށާއި ދެސްކޫލަކަށް އިއްޔެ ދިން މިސައިލް ހަމަލާތަކުގެ ސަބަބުން 50 މީހަކު މަރުވި އެވެ.

ތުރުކީ އިން ވަނީ އެ ހަމަލާގެ ދީފައި ވަނީ ރަޝިއާއިން ކަމަށް ބުނެފެ އެވެ. ރަޝިއާ އިން އެތުހުމަތުތަކަށް އަދި ރައްދެއް ދީފައި ނުވެ އެވެ.

ސީރިޔާގެ އުތުރުގައި އޮންނަ އަޒާޒްގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށާއި ރެފިއުޖީން ތިބި ސްކޫލަކަށް އަމާޒުވި ހަމަލާތަކުގެ ސަބަބުން 14 މީހަކު މަރުވި އެވެ. އަދި އިދްލިބް ޕްރޮވިންސުގެ މާރަތް ނޫމާން ކިޔާ އަވަށެއްގައި ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އިން ހިންގާ ހޮސްޕިޓަލަކަށް ދިން މިސައިލް ހަމަލާއެއްގެ ސަބަބުން ހަތް މީހަކު މަރުވި އެވެ.

އެހަމަލާތަކުގައި ގިނަ އަދަދެއްގެ ސީރިޔާގެ އާއްމުންނާއި ކުޑަކުދިން މަރުވި ކަމަށް ތުރުކީގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އެއީ "ކަނޑައެޅިގެން ހަނގުރާމައިގެ ޖަރީމާތައް" ކަމަށް މިނިސްޓްރީން ބުންޏެވެ.

ފްރާންސުގެ ފޮރިން މިނިސްޓްރީ އިން ވެސް ވަނީ އެމްއެސްއެފްގެ ހޮސްޕިޓަލަށް ދިން ހަމަލާތައް ކުށްވެރިކޮށް، އެއީ ހަނގުރާމައިގެ ޖަރީމާތަކުގެ ގޮތުގައި ބެލެވޭނެ ކަމަށް ބުނެފަ އެވެ.

ގާތްގަނޑަކަށް ފަސް އަހަރުވެފައިވާ ސީރިޔާގެ މަދަނީ ހަނގުރާމައިގެ ސަބަބުން 250،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 11 މިލިއަނަށް ވުރެ ގިނަ ރައްޔިތުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ. (ބީބީސީ)