16 Feb 2016, 09:26
ސައުތު އޭސިއަން ގޭމްސްގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ އިވެންޓްގެ ފައިނަލް މެޗުގައި 2-1ގެ ނަތީޖާ އަކުން އިންޑިއާ ބަލިކޮށް ނޭޕާލް ރަންމެޑަލް ހޯދައިފި އެވެ.
އިންޑިއާގެ ގުވަހަޓީގެ އެތުލެޓިކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗުގެ ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ފުރަތަމަ ލީޑް ނެގީ އިންޑިއާއިންނެވެެ. އެ ގޮތުން 32 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެންލްޓީއެއް ހަލިޗަރަން ނާޒްރީ ވަނީ ނޭޕާލުގެ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.
ލީޑްގައި އޮވެ އިންޑިއާ އިން ފުރަތަމަ ހާފް ނިއްމާލި ނަމަވެސް މެޗުގެ 65 ވަނަ މިނިޓްގައި ނޭޕާލް އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އެ ގޯލު ނޭޕާލަށް ކާމިޔާބް ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުން ނިކުއިން ޕްރަކާޝް ބުޑަތޯކީ އެވެ.
ފުޓްބޯޅަ އިވެންޓުން ނޭޕާލަށް ރަންމެޑެލް ކަށަވަރު ކޮށްދިން ގޯލު 70 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބް ކޮށްދިނީ އެ މުބާރާތިގައި ހަތް ގޯލު ކާމިޔާބުކޮށް އެންމެ ގިނަ ގޯލު ޖަހާފައިވާ ނަވާޔުގް ޝްރެސްތާ އެވެ.
ނޭޕާލްގެ ފުޓްބޯޅަ ޓީމް އެ ހޯދި ރަން މެޑަލަކީ އެ ގައުމުން ވަނީ 23 އަހަރަށް ފަހު އަނެއްކާ ވެސް ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ރަންމެޑަލް އުފުލާލާފަ އެވެ. މީގެ ކުރިން އެ ޓީމް ވަނީ ދެ ފަހަރަ ރަން މެޑަލް ހޯދައިފަ އެވެ.