16 Feb 2016, 09:02
އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ތަހުގީގަށް ބޭނުންވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ބެންކު އެކައުންޓްތަކުގެ މައުލޫމާތު އޭސީސީ އަށް ދިނުމަށް ރައީސް އެދިވަޑައިގެންފި އެވެ.
އޭސީސީގެ ތަހުގީގަށް ބޭނުންވާ އިސްލާމިކް ބޭންކުގެ، ރައީސް ޔާމީންގެ ބޭންކް އެކައުންޓުގެ ތަފްސީލް އޭސީސީ އަށް ދިނުމަށް ދެކޮޅުހަދައި އެ މައްސަލަ ސިވިލް ކޯޓަށް އެ ބޭންކުން ވަނީ ހުށަހަޅައިފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓްތަކާ ބެހޭ ގޮތުން އޭސީސީ އިން ބޭނުންވާ މައުލޫމާތު ދިނުމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށެވެ.
"Raeesuljumhooriyya ge account aa beheygothun ACC in beynunfulhuvaa mauloomaathu dhevvumah raees edhi vadaigannavaa" -im
— Ibrahim Muaz Ali (@SpokespersonMV)February 15, 2016
އެކަމާ ގުޅޭ ގޮތުން އިސްލާމިކް ބޭންކުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް މިއަދު އާންމު ކުރާނެ ކަމަށެވެ.
އޭސީސީ އިން ކުރަމުންދާ ތަހުގީގަށް ބޭނުން ވަނީ ކޮންކޮން މައުލޫމާތުތަކެއްކަން އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން( އެމްއެމްޕީއާރްސީ)އަށް އެކި ގޮތް ގޮތުން ލިބުނު ފައިސާގެ ތެރެއިން 1.22 ބިލިޔަން ރުފިޔާ އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާވެފައިވާ އިރު، އެ ކުންފުނީގެ ބައެއް ފައިސާ އެ ކުންފުނިން ރައީސް ޔާމީންގެ އެކައުންޓް އަކަށް ޖަމާކޮށްފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ.