އިނގިރޭސި ވިލާތުގައި ފިލްމީ ދާއިރާ އިން ދެވޭ އެންމެ ޝަރަފުވެރި އެވޯޑު، ބްރިޓިޝް އެކެޑެމީ ފިލްމު އެވޯޑްސް ނުވަތަ ބަފްޓާ އެވޯޑްސްގައި މިއަހަރު "ދަ ރެވެނަންޓް"އަށް ލިބުނު ކާމިޔާބާ އެކު، އެ ފިލްމުގެ ތަރި ލިއޮނާޑޯ ޑިކެޕްރިއޯއަށް އޮސްކާ އެވޯޑު ލިބޭނެ ކަމުގެ އުންމީދު އާވެއްޖެ އެވެ.

މިއީ ލިއޮނާޑޯ ޑިކެޕްރިއޯގެ ފިލްމީ ހަޔާތުގައި އޭނާ އަށް ބަފްޓާ އެވޯޑެއް ލިބުނު ފުރަތަމަ ފަހަރެވެ. މިހާތަނަށް އޭނާ އަށް އޮސްކާ އެވޯޑެއް ލިބިފައި ނުވާ އިރު، މި އަހަރު އޭނާ އަށް އެ އެވޯޑު ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ލީޑު ރޯލުން ލިއޮނާޑޯ ފެނިގެންދާ ފިލްމު "ދަ ރެވެނަންޓް"އަށް ބަފްޓާ އެވޯޑްސްއިން ލިބުނު އެވޯޑުތަކަށް ބަލާ އިރު، އަހަރުގެ އެންމެ މޮޅު ފިލްމުގެ އެވޯޑާއި، ބެސްޓް ސިނެމެޓޮގްރަފީއާއި އަދި ބެސްޓް ސައުންޑްގެ އެވޯޑު ހިމެނެ އެވެ.

ފިލްމު "ދަ ރެވެނަންޓް"ގެ ލީޑު އެކްޓަރ ލިއޮނާޑޯ ޑިކެޕްރިއޯއާއި އެ ފިލްމުގެ ޑައިރެކްޓަރ އަލެހަންދްރޯ އިންޏަރިތު، ބަފްޓާ އެވޯޑާއި އެކު -- ފޮޓޯ: ގެޓީ

މީގެ އިތުރުން އެ ފިލްމުގެ ލީޑު ލިއޮނާޑޯއަށް ބަފްޓާ އެވޯޑްސްގައި އެންމެ މޮޅު ފިލްމީ ތަރީގެ އެވޯޑު ލިބުނު އިރު، އެ ފިލްމުގެ ޑައިރެކްޓަރު އަލެހަންދްރޯ އިންޏަރިތުއަށް ވަނީ ބެސްޓް ޑައިރެކްޓަރުގެ އެވޯޑު ވެސް ލިބިފަ އެވެ.

މިއަހަރު މިހާތަނަށް ބޭއްވި އެވޯޑު ހަފްލާތަކުގައި "ދަ ރެވެނަންޓް"އަށް ބޮޑު ކާމިޔާބީތަކެއް ލިބިފައިވާ އިރު، އެ ފިލްމު ވަނީ ފެބްރުއަރީ 28ގައި އޮންނަ އޮސްކާ އެވޯޑްސްގެ 12 އެވޯޑަކަށް ނޮމިނޭޓު ވެފަ އެވެ.

ބަފްޓާ އެވޯޑްސްގެ އެހެނިހެން އެވޯޑުތައް ކާމިޔާބުކުރި ފަރާތްތަކަށް ބަލާ އިރު، އެންމެ މޮޅު އަންހެން ފިލްމީ ތަރިއަށް ހޮވިފައި ވަނީ ފިލްމު "ރޫމް"ގެ ތަރި ބްރީ ލާސަން އެވެ. އޭނާ ވަނީ މި ދާއިރާ އިން އޮސްކާ އެވޯޑްސްއަށް ވެސް ނޮމިނޭޓު ވެފަ އެވެ. ބެސްޓް ސަޕޯޓިންގް އެކްސްޓްރެސްއަށް ފިލްމު "ސްޓީވް ޖޮބްސް"އިން ކޭޓް ވިންސްލެޓަށް ލިބިފައިވާ އިރު، ބެސްޓް ސަޕޯޓިންގ އެކްޓަކަން ލިބިފައި ވަނީ "ބްރިޖް އޮފް ސްޕައީސް"އިން މާކް ރައިލާންސްއަށެވެ.

މީގެ އިތުރުން ބެސްޓް ސްޕެޝަލް ވިޜުއަލް އިފެކްޓްސްގެ އެވޯޑު "ސްޓާ ވޯސް: ދަ ފޯސް އެވޭކަންސް"އަށް ލިބުނު އިރު ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ އެވޯޑު ލިބުނީ ފިލްމު "ސްޕޮޓްލައިޓް" އަށެވެ.