16 Feb 2016, 09:45
ބޮލީވުޑް ތަރިންގެ ވަރިއާއި ވަކިވުމުގެ ސީޒަން ފެށިފައިވާ މި ދުވަސްވަރު، އެފަދަ ކަމެއްގެ ހިލަމެއް ނުވާ އެއް ޖޯޑަކީ ކަރީނާ ކަޕޫރް އާއި ސައިފް އަލީ ހާންގެ ޖޯޑެވެ. އެ ދެ ތަރިން އިނދެގެން އުޅޭތާ ދުވަސްކޮޅެއް ވެފައިވާ އިރު، އެ ދެތަރިންގެ މެދުގައި އެއްވެސް އަރާރުން ވުމެއް އުޅޭކަމުގެ ހިލަމެއް މިހާތަނަށް ވެފައެއް ނުވެ އެވެ.
އެހެންކަމުން އެ ދެމަފިރިންނަކީ އެކަކު އަނެކަކު ދެކެ އިންތިހާ އަށް ލޯބިވާ ދެތަރިންކަން ހާމަވެ އެވެ. އެކަން އެ ދެތަރިން ވަނީ ވަރަށް ފަހުން ވެސް ހާމަ ކޮށްފަ އެވެެ.
ކަރީނާގެ ފިލްމު "ކީ އެންޑު ކާ"ގެ ޓްރެއިލާ ލޯންޗު ކުރުމުގެ ހަފްލާގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ކަރީނާ ބުނީ، އޭނާގެ ފިރިމީހާ އަކީ ވަރަށް މޮޅު ކައްކާ އެއް ކަމަށެވެ.
"ސައިފު އަކީ ވަރަށް މޮޅު ކައްކާއެއް. އެއްދުވަހު ސައިފު އަހަންނަށް ޕާސްތާ ކައްކަން ނިންމި. އޭނާ އަށް ޕާސްތާ ކެއްކޭވަރުވީ 12 ގަޑި އިރުން"، ކަރީނާ ބުންޏެވެ.
އަނބިމީހާ އަށް ޕާސްތާ ކެއްކުމުގައި 12 ގަޑި އިރު ހޭދަ ކުރާ މީހަކީ ހަމަގައިމު ވެސް އަންހެނުން ދެކެ އިންތިހާ އަށް ލޯބިވާނެ މީހެކެވެ. އެކަން ކަރީނާ އާއި ސައިފު އެވަނީ ސާބިތުކޮށްދީފަ އެވެ.