ނިއުމޯނިއާ އަކީ އަޅާ ނުލާ ދޫކޮށްލެވޭ ވަރުގެ ބައްޔެއް ނޫނެވެ. ސަބަބަކީ އެ ބައްޔަކީ ފަރުވާ ނުދެވިއްޖެ ނަމަ މަރާ ވެސް ކުރިމަތިލާން ޖެހިދާނެ ބައްޔެކެވެ. އެހެންކަމުން އެ ބަލީގެ އަސަރު ވީހާ ވެސް ކުޑަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.

އެ ބައްޔަށް ލުއިކަމެއް ހޯދުމަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިކަން ހޯދާ ބަލަން ޖެހެ އެވެ. އެހެނިހެން ބަލިތެކެކޭ އެއް ފަދައިން އެ ބައްޔަށް ވެސް ގޭގައި ފަރުވާ ދެވިދާނެ އެވެ.

ލޮނުމެދު

ހަށިގަނޑުގައި ހުންނަ ޖަރާސީމުތަކާއި އިންފެކްޝަންތަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ކުޅަދާނަކަން ލޮނުމެދަށް ލިބިގެންވެ އެވެ.

އެހެންކަމުން ދެތިން ލޮނުމެދު ޗަސް ކޮށްލުމަށް ފަހު ކުޑަކޮށް ހޫނުކޮށްލާށެވެ. އަދި އޭގެ ދިޔަ ނުކުންނަ ވަރު ވުމުން ލޮނުމެދުތައް އިތުރަށް ޗަސް ކުރުމަށް ފަހު މޭގައި ހާކާށެވެ.

ހަމައެއާ އެކު ރޯސްޓުކޮށްފައިވާ ލޮނުމެދުތައް ވެސް ހިމުން ކުރުމަށް ފަހު ޒައިތޫނި ތެލާއި އެއްކޮށްލާށެވެ. އަދި އެ ކުނޑިކޮޅު ނޭފަތާ ކައިރި ކުރުމަށް ފަހު ނޭވާ ލާށެވެ. ނުވަތަ އިންހޭލް ކުރާށެވެ.

ރީނދޫ

ރީނދުލަކީ ކާ އެއްޗެހީގެ ކުލަ ޖެއްސުމަށް އާއްމުކޮށް ބޭނުންކުރާ އެއްޗެކެވެ. ކާތަކެތީގެ ކުލަ ރީތި ކުރުމާ އެކު ރީނދުލަކީ ނިއުމޯނިއާ އަށް ވެސް އޮތް ފަރުވާއެެކެވެ. އޭގައި އެންޓި އޮކްސިޑޭޓިވް އެންޓި ބެކްޓީރިއަލް އެންޓި އިން ފްލެމޭޓަރީ ޕްރޮޕަޓީސް އެކުލެވެ އެވެ.

ސައި ސަމްސަލެއްގެ ދެބައިކުޅަ އެއްބައި ރީނދޫ ކިރާއި އެއްކުރާށެވެ. އަދި އެ ބުއިން ހޫނު ކުރުމަށް ފަހު ކޮންމެ ދުވަހަކު ވެސް އޭގެ ދެތަށި ބޯން އާދަ ކުރާށެވެ. އެ ބުއިިމަކީ އިންފެކްޝަނާއި ހަނގުރާމަ ކުރާ ނިއުމޯނިއާ ބަލިން ފަސޭހަ ވުމަށް އެހީތެރިވެދޭ ބުއިމެކެވެ.

އިނގުރު

ނިއުމޯނިއާ ޖެހުމުގެ ސަބަބުން ނޭވާލާ ނިޒާމުގައި އުފެދޭ އިންފެކްޝަންތައް ނައްތާލުމަށް އިނގުރަކީ ފަރުވާއެކެވެ. ރީނދުލެކޭ އެއްފަދައިން އިނގުރަކީ ވެސް އެންޓި ބެކްޓީރިއަލް އެންޓި އިންފްލެމޭޓަރީ ޕްރޮޕަޓީސް އެކުލެވޭ އެއްޗެކެވެ. އެހެންކަމުން އިނގުރު ބޭނުންކޮށްގެން އުފައްދާފައި ހުންނަ ބުއިންތަކާއި ސައި ވެސް ނިއުމޯނިއާގެ ލުއި ކަމެއް ހޯދުމަށް ބޭނުން ކުރެވިދާނެ އެވެ.

މައުލޫމާތު: ވެލްނެސްބިން.ކޮމް