15 Feb 2016, 23:16
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް "ޓްރޭޑް ފެސިލިޓޭޓް ސެންޓަރެއް" ގާއިމް ކުރުމުގެ މަސައްކަތް މިއަހަރު ޖޫން މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދިވެހި އުފެއްދުންތެރިކަން ދަށްކުވައިދޭ މައުރަޒު "އެކްސްޕޯ މޯލްޑިވްސް" މިއަހަރަށް ތައާރަފް ކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ދިވެހި އުފެއްދުންތައް ގިނަ އަދަދަކަށް ބާޒާރަށް ނެރުމަށް އެހީވުމަށް ޖޫން މަހުގެ ތެރޭގައި 10 ބުރީގެ "ޓްރޭޑް ފެސިލިޓޭޓް ސެންޓަރެއް" ގާއިމް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އެއިމާރާތުގެ ގިނަ އަދަދެއްގެ ފްލޯއަކީ ކުދި ވިޔަފާރިތަކަށް އެހީތެރުވުމަށް ހަމަޖައްސާ ފުލޯތަކަކަށް ވެގެންދާނެ ކަމަށާއި ހަމައެހެންމެ ބިޒްނަސް ސެންޓަރެއްގެ ހިދުމަތްވެސް އެސެންޓަރުން ދެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހި އުފެއްދުންތައް ގިންތިކޮށް އެއީ ރާއްޖޭގެ އުފެއްދުމެއްކަން އަންގައިދޭ އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތަށް ކަނޑައެޅުމުން ފްރީ ޓްރޭޑްގެ ބޭނުން ހިފައި ދިވެހި އުފެއްދުންތަކަށް ފުރުސަތު ހޯދައިދެވިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ވިޔަފާރިތަކަށް ލޯނާއި މާލީ އެހީތެރިކަމުގެ އިތުރުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުން ވިޔަފާރިތަކަށް އެހީތެރިވުމުގެ ހިދުމަތް ދެވިގެންދާއިރު އެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.
"ފާއިތުވި ދެ އަހަރާއި ކުރިއަށްއޮތް 2018ގެ ކުރިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ސަރުކާރުގެ މި އަމާޒުކުރެވި ނިމޭއިރުގައި ދިވެހިރާއްޖޭގެ ވިޔަފާރިއަށް ފަހި ވިޔަފާރިއަށް ހެޔޮވަރު، އަދި ވިޔަފާރިއަށް އެކަށީގެންވާ އާމްދަނީތަކެއް ލިބޭ ވިޔަފާރީގެ ވެއްޓެއް، އިގްތިސާދީ ވެއްޓެއް މިގައުމުގައި އޮންނާނެ ކަމާމެދު އަޅުގަނޑުމެން ޝައްކެއް ނުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިރޭގެ ހަފްލާގައިވަނީ ދިވެހި އުފެއްދުންތައް ދައްކުވައިދޭ "އެކްސްޕޯ މޯލްޑިވްސް" މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އަދި މިދިޔަ އަހަރު ބޭއްވި އެ އެކްސްޕޯއަށް އެކި ފެންވަރުގައި އެހީތެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވާފައިވެއެވެ.
އަދި މިރޭގެ ހަފްލާގައި ވަނީ ޗައިނާގައި ބޭއްވުމަށް ނިންމާފައިވާ ކުންމިން ފެއާގެ މީޑިއާ ޕާޓްނަރުގެ މަގާމަށް ޕީއެސްއެމް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފައެވެ.