ސިޒޭރިއަން ނުވަތަ ސީސެކްޝަން އާއްމުކޮށް ހަދަނީ ކުއްޖާ ވިހެއުމުގައި މައްސަލަތަކެއް ނުވަތަ އުނދަގޫތަކެއް ދިމާވުމުން ސާޖަރީ ހަދައިގެން ކުއްޖާ ނެގުމަށް ޑޮކްޓަރު ލަފާދެއްވުމުންނެވެ. ނަމަވެސް، ފަހަކަށް އައިސް ސިއްހީ އެއްވެސް ސަބަބަކާ ނުލައި ވެސް ސިޒޭރިއަން ހެދުން ވަނީ އާއްމުވެފަ އެވެ. ކުއްޖާއާއި މަންމަގެ ސަލާމަތަށް ޓަކައި ސިޒޭރިއަން ހަދަން ބައެއް ފަހަރު މަޖުބޫރުވި ނަމަވެސް، ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ގުދުރަތީ ގޮތުން ވިހެއުމަށް ވުރެ ސިޒޭރިއަން ހެދުމުން ކުއްޖާއާއި މަންމައަށް އޮންނަ ނުރައްކާ މާބޮޑެވެ.

މަންމައަށް އޮތް ނުރައްކާތައް

އިންފެކްޝަން:ދާދި ފަހުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، ސިޒޭރިއަން ހަދާއިރު އެންޓިބައޮޓިކްސް ދިން ނަމަވެސް ސިޒޭރިއަން ހަދާ އަންހެނުންގެ ތެރެއިން ގާތްގަނޑަކަށް އަށް ޕަސެންޓް އަންހެނުންނަށް ފާރުގަނޑުގެ ނުވަތަ ރަހިމުގެ ލައިނިންގެ ނުވަތަ ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން އެއް ޖެހެ އެވެ.

ބަނޑަށް ތަދުވުން:ސާޖަރީ ހެދުމަށް ފަހު ހަފްތާތަކެއް ވަންދެން ބަނޑުގައި ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ.

ލޭގަނޑުވުން:ލޭގަނޑުވުމަކީ ކޮންމެ ސާޖަރީއެއް ހެދުމުން ވެސް ދިމާވެދާނެ ނުރައްކަލެއް ކަމުގައިވާ އިރު، ވިހައިގެން ލޭގަނޑުވުމުގެ ހާދިސާއެއް ހިނގުމަށް ވުރެ ސިޒޭރިއަން ހެދުމުން ލޭގަނޑުވުމުގެ ހާދިސާއެއް ހިނގުމަކީ މާބޮޑަށް އެކަށީގެންވާ ކަމެކެވެ.

އިތުރު ކުއްޖަކު ހޯދަން ދަތިވުން (މަދުން ދިމާވާ މައްސަލައެއް):ސިޒޭރިއަން ހަދާއިރު ބައެއް ފަހަރު ރަހިމަށް ގެއްލުން ވުމުން އަންހެން މީހާއަށް އިތުރަށް ދަރިން ހޯދަން އުނދަގޫވެދާނެ އެވެ. އަދި މާބޮޑު ގެއްލުމެއް ލިބިއްޖެ ނަމަ ކުދިން ހޯދުމަށް ނުކުޅެދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ތުއްތުކުއްޖާއަށް އޮތް ނުރައްކާތައް

ނޭވާލާން އުނދަގޫވުން:ބައެއް ދިރާސާތަކުން ދެއްކި ގޮތުގައި، ވިހައިގެން އުފަންވާ ކުދިންނަށް ވުރެ އިތުރަށް ސިޒޭރިއަން ހަދައިގެން އުފަންވާ ކުދިންނަށް، އުފަންވުމަށް ފަހު ވަގުތުން ނޭވާލާން އެހީ ބޭނުންވެ އެވެ.

ސާޖަރީ ހެދުމުގައި ކުއްޖާއަށް އަނިޔާވުން (އެހާ އާއްމު ކަމެއް ނޫން):ޑޮކްޓަރުގެ ފަރާތުން ވިހާ ކުއްޖާއަށް ގެއްލުން ވުމަކީ ބައެއް ފަހަރު ދިމާވާ މައްސަލައެކެވެ.

ސިޒޭރިއަން ހެދުމުގެ ކުރިން އޭގެ ސަބަބުން މަންމައާއި ދަރިފުޅަށް ލިބޭނެ ފައިދާތަކާއި ގެއްލުންތައް އަޅާކިޔުމަކީ މުހިއްމުކަމެކެވެ.