ފެނަކަ ކޯޕަރޭޝަންގެ އޮފީސް ތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫގައި ނަރުދަމާގެ ޚިދުމަތް ފެށުމާއި، އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރުމާއި، ބަނދަރު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ވަޒީފާގެ ފުރުސަތުތަކަށް ހުޅުވާލެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ދިނުމަކީ ސރުކާރުގެ ވަރަށް ބޮޑު އިސްކަމެއް ދެމުން ގެންދާ ކަމެއް ކަމަށެވެ.

"އެގޮތުން ފެނަކައިން މި އަހަރު 100 ވަޒީފާގެ ފުރުސަތު އެފަދަ ކުދިންނަށް ހާއްސަކޮށް އެބަ ހުޅުވާލާ،" ރައީސް ވިދާޅުވި އެވެ.

މިފަހަރު އެފަދަ ކުދިންނަށް ވަޒީފާ ދޭނީ ފެނަކައިގެ އަތޮޅުތަކުގެ ބްރާންޗްތަކުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން ދި ޞަދަގާތު ފައުންޑޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން ނުކުޅެދުންތެރިކަން ހުންނަ 10 ކުއްޖަކަށް އާސަންދައިން ވަޒީފާގެ ފުރުސަތު ހޯދައިދީފައިވެ އެވެ.