ގދ. ތިނަދޫން: ފަޒްލީނާ ޙުސައިން

ގދ. ތިނަދޫ ބަރާސިލު އަވަށުގައި މި އަހަރުތެރޭ ފުޓްސަލް ދަނޑެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ތިނަދޫ ބަނދަރު ރަސްމީކޮށް ހުޅުވުމަށާއި، ނަރުދަމާގެ ނިޒާމު އިފްތިތާހު ކޮށް އެރަށުގެ ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުމަށް މިއަދު ތިނަދޫގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް އަމާޒަކީ ޒުވާނުންނަށް ކޮށްދޭ މަސައްކަތްތައް ކަމަށެވެ.

"މި ރަށު ބަނދަރު މަތީގައި ދެކެވުނު ވާހަކައިންވެސް އަޅުގަނޑަށް އެނގޭ ބަރާސިލު އަވަށުގެ ޒުވާނުން ބަރާސިލު އަވަށުގައި ފުޓްސަލް ދަނޑެއް އަޅަން ބޭނުންވާ ކަން...،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބަރާސިލު އަވަށުގެ ފުޓްސަލް ދަނޑުގެ މަސައްކަތް މި އަހަރު ތެރޭ ނިންމާނެ ކަމަށެވެ. އަދި ތިނަދުއަށް ދިމާވާ ތަދި ކައްތައްތައް ހައްލު ކުރެވޭތޯ އަބަދުވެސް ބައްލަވަމުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.