15 Feb 2016, 20:56
ސީރިޔާގެ ދެ ހޮސްޕިޓަލަކަށް މިއަދު ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ އެވެ.
ސީރިޔާގެ އަޒާޒްގެ ހޮސްޕިޓަލަކަށް ދިން ހަމަލާގައި 10 ށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި އެތައް ބަޔަކު ޒަހަމްވެފައި ވާކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ސީރިޔާގެ މާރަތު އަލް ނުއުމާންގެ ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި ހަތް މީހަކު މަރުވެފައިވާ ކަމަށާއި އަށް މީހަކު ގެއްލިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
އެ ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވާއިރު، މާރަތު އަލް ނުއުމާނަށް ހަމަލާދީފައި ވަނީ ސީރިޔާގެ ސަރުކާރަށް ވާގިވެރިވާ ބަޔަކު ކަމަށާއި އަޒާޒަށް ހަމަލާ ދިނީ ތުރުކީގެ ސިފައިން ކަަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ދެ ހޮސްޕިޓަލުގެ އިތުރުން ސީރިޔާގެ ސްކޫލަކަށްވެސް މިއަދު ވަނީ ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 24ށް އަރާފައި ވާއިރު، އަށް މީހަކު ވަނީ ގެއްލިފަ އެވެ.
ސީރިޔާގައި މިއަދު ވަރުގަދަ ހަމަލާތަކެއް ދީފައި މިިވަނީ، ސީރިޔާގައި މިހާރު ބަދަލުކުރަމުންދާ ހަގުރާމަވެރި ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއި ކުރެވިދާނެތޯ މަޝްވަރާ ކުރެވެމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ސީރިޔާގައި ހިންގަމުން އަންނަ ހަމަނުޖެހުންތަކަށް ފަސް އަހަރު ވެފައިވާއިރު، މިހާތަނަށް 250،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 11 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފަ އެވެ.