ގދ. ތިނަދޫން: ފަޒްލީނާ ހުސައިން.

ގދ. ތިނަދޫގައި ދެ ވަނަ ފަހަރަށް މީހުން އާބާދު ވިތާ 50 އަހަރު ފުރޭ، މިއަހަރުގެ އޮގަސްޓު 22 ވަނަ ދުވަސް ފާހަގަ ކުރެވޭނީ ވަރަށް އުފާވެރިކަމާއެކު ގިނަ ކަންތައްތަކެއް ފުރިހަމަވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ތިނަދޫ ބަނދަރު ރަސްމީކޮށް ހުޅުވުމަށާއި، ނަރުދަމާގެ ނިޒާމު އިފްތިތާހު ކޮށް އެރަށުގެ ގޮޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުމަށް މިއަދު ތިނަދޫގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އޮގަސްޓު މަހުގެ 22 ވަނަ ދުވަހަކީ އެމަނިކުފާނުގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ ދުވަހެއް ކަމަށެވެ.

"...ތިނަދޫއަށް ދެވަނަ އުފަންދުވަހެއް އައި ދުވަސް... ތިނަދޫގެ ދެވަނަ އުފަންދުވަސް މިވަނީ އަޅުގަނޑުގެ ހަގު ދަރިފުޅުގެ އުފަންދުވަހަށްވެސް މެ. އެހެންވީމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ ތިނަދޫގެ ދެވަނަ އުފަންދުވަހަށް އަޅުގަނޑުގެ ދަރިފުޅުވެސް އަޅުގަނޑާއެކީ އިރާދަ ކުރެއްވިއްޔާ ތިނަދުއަށް ދަތުރު ކުރާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތިނަދުއަށް ދިމާވެފައިވާ ދަތި ކަންތައްތައް ހައްލު ކުރެވޭ ތޯ އަބަދުވެސް ބައްލަވަމުން ގެންދަވާނެ ކަމަށެވެ.

"...އަޅުގަނޑުމެންގެ ސަރުކާރުން މި މަސައްކަތް ކުރަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑެތި އުމްރާނީ ތަރައްގީގެ މަސައްކަތްތަކެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ގދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މިއަދު ހެނދުނު ގައްދޫއަށް ވަޑައިގެން އެރަށުގެ ސާފު ބޯފެން ނިޒާމުވެސް އިފްތިތާހު ކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ހަވީރު ތިނަދޫއަށް ވަޑައިގަތުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.