15 Feb 2016, 22:00
ދައުލަތުގެ އެކި މުއައްސަސާތަކާ ގުޅޭގޮތުން ސާބިތުނުހިފޭ ވާހަކަދައްކައި، މުއައްސަސާތައް ބަދުނާމު ކުރާ ފަރާތްތަކާމެދު ހަމައެކަނި އަބުރުގެ ދައުވާކޮށްގެން ނުފުދޭނެ ކަމަށާއި އެމީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫ ނަރުދަމާގެ ޚިދުމަތް ފައްޓަވައި ދެއްވުމަށާއި ބަނދަރު ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މިހެން ވިދާޅުވެފައި ވަނީ ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ ކަޅު ފައިސާ އެތެރެކޮށް ދައުލަތުގެ ޚަޒާނާގައި ބެހެއްޓުމަށް ފަހު އެމްއެމްއޭ މެދުވެރިކޮށް ދައުލަތުގެ އެކައުންޓްތަކަށް އެ ފައިސާ ލުމަށް ފަހު، އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޓްރާންސްފާކޮށްފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ވިދާޅުވީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި، އެއްވެސް ގައުމެއްގެ މަރުކަޒީ ބޭންކާއި ގުޅޭގޮތުން ވިޔާނުދާ ވާހަކަ ދެއްކުމަކީ އެއްވެސް ގައުމެއްގައި ކުރާކަމެއް ނޫން ކަމަށެވެ.
ރައީސް ވަނީ އެފަދަ އިތުބާރު ނުހިފޭ ވާހަކަތަކުގެ ސަބަބުން ރާއްޖޭގައި އިންވެސްޓު ކުރާ ފަރާތްތަކުގެ އިތުބާރު ގެއްލި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ވެދާނެ ކަމަށް ވިދާޅުވެފަ އެވެ.
އެހެންކަމުން އެއީ ދިވެހި ރައްޔިތުންނަށް މައާފުކުރެވޭނެ ކަންކަމެއް ނޫން ކަމަށާއި އެއީ ދައުލަތެއްގެ މުޅި ނިޒާމަށް އަމާޒުވެގެން އަންނަ ކަންކަން ކަމުގައި ރައީސް ވިދާޅުވިއެވެ.
"މި މީހުންނާއި ދޭތެރޭގައި ހަމައެކަނި އަބުރުގެ ދައުވާ ކޮށްލައިގެން ނުފުދޭނެ،" ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވީ އެފަދަ ބަދުނާމު އަޅުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައްޔިތުން މަޖުލީހުގެ މެމްބަރުންނަށް ކަރުދާހެއް ފޮނުއްވާނެ ކަމަށެވެ.