15 Feb 2016, 18:03
އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ އެ ތަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.
މިހާތަނަށް ޒިޔަތު ހުންނެވީ ދޫނިދޫ ގައި ފުލުހުންގެ ބަންދުގައެވެ. ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ ޒިޔަތު މާފުށީ ޖަލަށް ބަދަލުކުރިތާ ދުވަސްކޮޅެއް ވެއްޖެކަމަށެވެ.
ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ޒިޔަތު ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ޒިޔަތުގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، މިހާތަނަށް ޝަރީއަތަށް ފޮނުވާފައި ވަނީ އޭގެތެރެއިން ދެ މައްސަލައެކެވެ. ފުރަތަމަ މާލެ އަތޮޅުގެ ފަޅެއް 50 އަހަރަށް އެބޮނީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދޫކުރުމުން ދައުލަތަށް ލިބުނު އެއް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވެ އެ ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.
ދެވަނަ މައްސަލަ އަކީ ޅ. މާބިންހުރާ ގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރަން ކުރެއްދޫ ހޯލްޑިންގްސް އަށް ކުއްޔަށްދޫކުރުމުން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވެ އެ ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.
ޒިޔަތު ވަނީ އެ ހުރިހާ ކަމަކަށް ވެސް އިންކާރު ކުރައްވާފައެވެ.