ބޭރުގެ ބޭންކުތަކުން ރާއްޖެއާ އެކު މަސައްކަތް ކުރުން ހުއްޓާލަނީ ރާއްޖޭގެ ބޭންކިން ނިޒާމު ބޭނުންކޮށްގެން މަނީ ލޯންޑްރިން ހިންގާފައި ވާތީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ބޭންކުތަކުން މަސައްކަތް ހުއްޓާލަނީ ދިވެހިން ހަނގުރާމައަށް ދާތީ ނޫން ކަމަށެވެ.

ދިވެހިންގެ ތެރެއިން ބަޔަކު ސޫރިޔާއަށް ޖިހާދަށްދާ ވާހަކަ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މާ ވަރުގަދައަށް ދައްކަވާތީ ބައިނަލް އަގުވާމީ މުއާމަލާތްތައް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއާ ގުޅިފައި އޮތް، ކަރެސްޕޮންޑެންޓް ބޭންކެއް ގެއްލިފައިވާ ކަމަށް ރައީސް ޔާމީން މިއަދު ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަހަލަ ވާހަތައް ދެއްކެވުމުން ރާއްޖެއާ މެދު ހާއްސަ ނަޒަރަކުން ބަލައި، ބޭރު ފައިސާ ދައުރު ކުރުމުގައި އިތުރު ބެލުންތައް ބަލާ ކަމަށެވެ. އެގޮތުން ކަރެސްޕޮންޑެންޓް ބޭންކެއް ގެއްލި އިތުރު ބޭންކެއް ގެއްލުމުގެ މަގުމަތީގައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މައިބަދައިގެ ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން ފަހުން ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު އަދި އެމަނިކުފާނުގެ ވަކީލު އަމާލް ކްލޫނީވެސް ވަނީ ދިވެހިރާއްޖެއިން ހަނގުރާމަތަކަށްދާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި ރާއްޖޭގައި ހައްދުފަހަނަ އެޅުން ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި ފަތުރުވެރިންނަށް ޓެރަރިޒަމްގެ ބިރު އެބަ އޮތްކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ، ދެން އެގޮތަށް ދާ މީހުންގެ ވާހަކަ މާ ވަރުގަދައަށް ދެއްކީމާ ރާއްޖެއަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ވާ ކަމަށެވެ.