15 Feb 2016, 18:44
ނޭޝަނަލް ޕޭ ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ނަމުގައި ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕޭ ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަނުގައި ދައުލަތުގެ މާލިއްޔަތާ ބެހޭ ކަންކަން ބެލެހެއްޓުމަށް އެއިރެއްގައި ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްފައި ހުންނަ ވުޒާރާއެއްގެ ވަޒީރާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ހަތަރު ބޭފުޅަކު ހުންނާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައި ބުނެފައި ވަނީ އެ ކޮމިޝަނުގެ ރައީސަކަށް ހުންނަވާނީ ދައުލަތުގެ މާލިއްޔަތާއި ބެހޭ ކަންކަން ބަލަހައްޓަވާ ވަޒީރެއް ކަމަށެވެ. އަދި ނައިބު ރައީސަކަށް ހުންނަވާނީ ކޮމިޝަނަށް އައްޔަން ކުރައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅެއް ކަމަށެވެ.
ޕޭ ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރައްވާ ބޭފުޅުންނަކީ މާލީ ނުވަތަ ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ނުވަތަ އެއާ އެއް ފެންވަރެއްގެ ސަނަދެއް ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ހާސިލު ކުރުމާއި އެކު މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ ކަމާ ގުޅޭ ދާއިރާއިން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުންނަންޖެހޭނެ ކަމަށެވެ.

ބިލު ހުށަހެޅުއްވި މެމްބަރު ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް: ފޮޓޯ/ މަޖިލިސް
ބިލުގައި ބުނެފައި ވަނީ ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް އެމީހުންނަށް ދެވިދާނެ އިނާޔަތްތަކާއި ވަޒީފާއިން ނުވަތަ މެމްބަރުކަމުން ވަކިވެގެންދާއިރު އިނާޔަތްތައް ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅައިދޭ ކޮމިޝަނެއް ކަމަށެވެ.
ނަމަވެސް މުސާރަ ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާކަން ކުރާ ބޭފުޅަކާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިތުރުން ޝަރުއީ ދާއިރާ އިސްތިސްނާވެ އެވެ.
ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ނަމުގައި ޝާހު ހުށަހެޅުއްވި ބިލަކީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައި ބަޔާންވެގެންވާ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ދިވެހި ދައުލަތުން މުސާރައާ އިނާޔަތްދޭ ދައުލަތުގެ މުވައްޒަފުންނާއި ސަރުކާރުގެ 50 ޕަސެންޓަށް ވުރެ ގިނަ ހިއްސާ އޮންނަ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައާ އިނާޔަތްތައް ކަނޑައެޅުމުގައި ލަފާ ދިނުމާއި ސިޔާސަތުތަކާއި އުސޫލުތައް މުރާޖާ ކުރުމާއި އިސްލާހު ކުރުމާއި އަލުން މުސާރައާ އިނާޔަތްތައް ކަނޑައެޅުމާއި އަދި މަގާމުން ވަކިވާއިރު ދެވޭ އިނާޔަތްތައް ކަނޑައެޅުމުގެ ހަމަތައް ބަޔާންކުރާ ބިލެކެވެ.
ޝާހް ވިދާޅުވީ، އެފަދަ ބިލެއް ހުށަހެޅުއްވުމުގެ ބޭނުމަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާ އިނާޔަތްތައް ކަނޑައެޅުމުގައި އަޅާ ކިޔާނެ ނުވަތަ ބުރަވާނެ ނުވަތަ ޕްރޮފެޝަނަލް މިންގަނޑުތަކެއް ދުރާލާ ކަނޑައެޅިފައި ހުންނާނެ ގޮތް ހެދުން ކަމަށެވެ.
އެފަދަ މިންގަނޑުތަކެއް ދުރާލައި، ކަނޑައެޅެމުންދާ ގައުމީ އޮނިގަނޑުތަކެއް ތައާރަފު ކުރުމާއި ދައުލަތުގެ މުވައްޒަފުންގެ މުސާރައާ އިނާޔަތްތަަކަކީ ގަދަރުވެރި ދިރުއުޅުމެއް މަގުފަހި ކުރާ ދިރިހުރި މުސާރައަކަށާއި އިނާޔަތްތަކަށް ވުމަށް މަގުފަހި ކުރުމަކީ ވެސް އެ ބިލު ހުށަހެޅި ބޭނުމެއް ކަމަށް ޝާހް ވިދާޅުވި އެވެ.