15 Feb 2016, 19:17
ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގެ ތިން ވަނަ ހޮވި މެޗްގައި ޕެނަލްޓީ ޖަހައިގެން ބަނގުލަދޭޝް އަތުން 7-6 ގެ ނަތީޖާއަކުން ބަލިވެ ތިން ވަނަ ހޮވި މެޗުންވެސް ރާއްޖެ ބަލިވެއްޖެއެވެ.
ޕެނަލްޓީއަށް ދިޔައީ މެޗްގެ 90 މިނެޓް ކުޅެ ނިމުނުއިރުވެސް 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުންނެވެ.
ޕެނަލްޓީގައި ރާއްޖެއަށް ނާކާމިޔާބުވީ ކެޕްޓަން އިސްމާޢީލް ޢީސާ (މެސީ) ޖެހި ޕެނަލްޓީ ބޭރަށް ދިއުމުންނެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓްގެ ތިން ވަނަ ހޮވުމަށް މިއަދު ރާއްޖެއާ ބަނގުލަދޭޝް ބައްދަލުކުރި މެޗުގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަހްސަން/އިމޭޖަސް.އެމްވީ
ރާއްޖެއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަޙްމަދު ވިސާމް (ޖެރާޑް)އާއި ހަމްޒާ މުޙައްމަދު (ހަމްޕު)އާއި ޢަލީ ފާސިރު (ސެންޓޭ) އިތުރުން ޤާސިމް ޝައްމާމެވެ.
މެޗްގައި ފުރަތަމަ ލީޑް ނެގީ ބަނގުލަދޭޝް ޓީމުންނެވެ. އެޓީމު ލީޑު ނެގީ މެޗް ފެށިގެން ދިހަ ވަނަ މިނެޓްތެރޭގައި ލިބުނު ޕެނަލްޓީއެއްގައެވެ.
ތިރިސް ހަވަނަ މިނެޓްގައި ރާއްޖެއަށް ނަތިޖާ ހަމަހަމަކޮށްދިނީ ސެންޓޭއެވެ. އަދި 66 ވަނަ މިނެޓްގައިވެސް ރާއްޖެއަށް ލީޑް ނަގައިދނީވެސް ސެންޓޭއެވެ.