15 Feb 2016, 16:21
ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ އެއްވެސް ބޭފުޅަކު، ވެރިކަމުގައި ހުންނެވި ދުވަސްވަރު ކުރި ކުށަކާއި ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރާ ނަމަ ދައުލަތުން އެ މީހަކަށް ދެމުން އަންނަ އިނާޔަތްތައް ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި އިރު، ކުރި ކުށަކަށް ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިއްޖެ ނަމަ އެ ހިސާބުން ފެށިގެން އޭނާ އާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ ކަމަށެވެ.
ލަތީފް ވިދާޅުވީ އޭނާ އެ ބިލަށް އިސްލާހު ހުށަހެޅުއްވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަކީ އަބަދުމެ ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް ޓަކައި މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ކުރީގެ ރައީސުންނަކީ މަގާމު އަދާކުރެއްވި ދުވަސްވަރާއި މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ވެސް ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުން ބަރީއަވެގެންވާ އަދި ރައްޔިތުންނަށް ނަމޫނާ ބަޔަކަށްވާން ޖެހޭ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ވަނީ އެފަދަ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފަ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތްތައްދޭ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތަކާއި ރައްކާތެރިކަން ކެނޑިގެން ދާނެ އެވެ. އެއީ ނަޝީދަކީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލާގައި 13 އަހަރު ދުވަހަށް ޖަލަށް ލާފައިވާ ބޭފުޅެކެވެ.