15 Feb 2016, 16:20
ލަންޑަން (ފެބްރުއަރީ 15) : ބައެއް އަރަބި ގައުމުތައް ނިއުކްލިޔާ ހަތިޔާރު ހޯދަން މަސައްކަތް ކުރާކަމަށް އިސްރާއީލުން ބުނެފި އެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު މޯޝޭ ޔުއާލޫން ވިދާޅުވީ ބައެއް އަރަބި ގައުމުތައް ނިއުކްލިޔާ ހަތިޔާރު ހޯދަން މަސައްކަތް ކުރަނީ އިސްރާއީލާ ކުރިމަތިލުމަށް ނޫންކަމަށާއި އީރާނާ ކުރިމަތިލުމަށް ކަމުގަ އެވެ. އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށް އެގައުމާއި ދުނިޔޭގެ ބޮޑު ހަބާރުން ސޮއިކުރި އެއްބަސްވުމާމެދު ބައެއް އަރަބި ގައުމުތައް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށާ އެ އެއްބަސްވުމަށް އެގައުމުތަކުން އިތުބާރު ނުކުރާ ކަމަށް ޔުއާލޫން ވިދާޅުވި އެވެ.
ލަންޑަންގައި ނުކުންނަ ޑެއިލީ ޓެލެގްރާފް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޔުއާލޫން ވިދާޅުވީ ބައެއް އަރަބި ގައުމުތަކަކީ ނިއުކްލިޔާ އެއްބަސްވުން އޮތްކަމަށް ވިޔަސް އީރާނުން ސިއްރިޔާތުގައި ނިއުކްލިާ ހަތިޔާރު އުފައްދަފާނެ ކަމަށް ދެކޭ ގައުމުތައް ކަމަށާ އެހެންކަމުން އެގައުމުތައް ބޭނުން ވަނީ އީރާނާ ކުރިމަތިލުމަށް ޓަކައި ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ކަމުގަ އެވެ. ޖެނެރަލް ޔުއާލޫންގެ ވާހަކާގައި މިއީ ކޮން އަރަބި ގައުމުތަކެއްކަން ސީދާގޮތެއްގައި ވިދާޅެއް ނުވެ އެވެ. ނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމަށް ލޯމަރާލުމަށް ފަހު އީރާނަކީ އެންމެ ބޮޑު ދުޝްމަން ކަމަށް ސިފަކޮށްގެން އުޅެނީ އީރާނާ އެންމެ އަވަށްޓެރި ގަލްފުގެ އަރަބި ބައެއް ގައުމުތަކުންނެވެ.
ގަލްފުގެ އަރަބި ބައެއް ގައުމުތަކަކީ އެންމެ ކުރީއްސުރެވެސް އެމެރިކާގެ ވަށައިގެން އެނބުރޭ ސެޓަލައިޓް ގައުމުތަކެއްގެ ގޮތުގައި ސިފަކުރެވޭ ގައުމުތަކެކެވެ. އަދި އެގައުމުތަކަކީ އެގައުމުތަކުގެ އަސްކަރީ އަދި އިގްތިސާދީ ހުރިހާކަމެއްގައި އެމެރިކާގެ މައްޗަށް ބަރޯސާވެގެން އުޅޭ ގައުމުތަކެކެވެ. މީގެއިތުރުން އެގައުމުތަކަކީ ސިއްރިޔާތުގައި އިސްރާއީލާ މުއާމަލާތްކުރަމުން ގެންދާ ގައުމުތަކެއްކަން އެތައް ފަހަރަކު ހާމަވެފައިވެ އެވެ. އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަދުވާންތަކާއި ލާއިންސާނީ ޖަރީމާތަކަށް ވެސް މި އަރަބި ގައުމުތަކުން އަޅާލާފައެއް ނުވެ އެވެ. އަދި 2014 ވަނަ އަހަރު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އުދުވާން ހިންގިއިރު މިދެންނެވި އަރަބި ގައުމުތައް ހަނުތިބުމުގެ ސަބަބުން އެދުވަސްވަރު އެގައުމުތައް ބޭޒާރުވެގެން ގޮސްފައިވެ އެވެ.
މެދުއިރުމަތީގައި ނިއުކްލިޔަރ ހަތިޔާރު އުފައްދާފައިވާ ހަމައެކަނި ގައުމަކީ ފަލަސްތީނުގެ ބިންތައް (މާތްވެގެންވާ މަސްޖިދުލްއަގްސާވެސް ހިމެނޭގޮތަށް) ގަދަބާރު ހިފައިގެން އުޅޭ ޔަހޫދީ އިސްރާއީލެވެ. އިސްރާއީލުން މިކަމަށް ސީދާގޮތެއްގައި އެއްބަސް ނުވިނަމަވެސް ނުސީދާގޮތެއްގައި އެކަމަށް އެއްބަސްވެ އެވެ.
އިސްރާއީލުގައި މަދުވެގެން 200 ވަރަކަށް ނިއުކްލިޔާ ހަތިޔާރު ހުންނާނެ ކަމަށް އެގައުމުގެ ކުރީގެ ނިއުކްލިޔާ އިންޖިނޭރެއް ކަމަށްވާ މަރުދޮޚައި ވަނޫނޫ ވިދާޅުވެފައިވެ އެވެ. އީރާނަކީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ އިލްމީ އަދި ފަންނީ ގާބިލްކަން ލިބިގެންވާ ގައުމެއް ނަމަވެސް އެގައުމުން ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާ ކަމުގެ ހެއްކެތް ނެތްކަމަށް އދ. ގެ ކަމާބެހޭ އިދާރާތަކުން ބުނެ އެވެ. (ނޫސްއެޖެންސީތައް)