15 Feb 2016, 15:44
މ. މުލީގެ އުތުރު ކޮޅުގައި އޮންނަ "ބޯހުރާ" އޭ ކިޔާ ސަރަހައްދަކީ މުލީގެ ބައެއް ގޮތަށް އެރަށު ކައުންސިލުން ކަނޑައަޅައިފި އެވެ.
މީގެ ކުރިން އެ ސަރަހައްދު މުލީގެ ބައެއްގެ ގޮތުގައި އޮތް ނަމަވެސް، ދިމާވި ގުދުރަތީ ކާރިސާއެއްގެ ސަބަބުން ބޯހުރާއޭ ކިޔާބައި ވަނީ އެރަށާއި ގުޅުންކެނޑި ދެމެދުގައި އެއްފޫޓު ފުން އަދި 150 ފޫޓު ފުޅާމިނުގައި ހުންނަ އޮއިދެމޭ ސަރަހައްދެއް އުފެދިފަ އެވެ.
އެހެންކަމުން މިހާތަނަށް އައި އިރު ގިނަ ބަޔަކަށް ހީވެފައި އޮތީ އެބަޔަކީ ފަޅުރަށެއް ކަމުގަ އެވެ. ނަމަވެސް އެރަށު ކައުންސިލުން މިއަދު ވަނީ އެ ބަޔަކީ މުލީގެ ބައެއް ކަމަށް ކަނޑައަޅަން ގަރާރެއް ފާސްކޮށްފަ އެވެ. އަދި އެ ސަރަހައްދު ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ކައުންސިލުން ވަނީ ނިންމާފަ އެވެ.
މުލީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝާތިރު ވިދާޅުވީ، ބޯރުހާ އޮންނަނީ މުލީގެ ފަޅަށްވާ ސަރަހައްދުގައި ކަމަށްވާތި އެއީ މުލީގެ ބަޔަކަށް ނުވާ ތަނެއްގެ ގޮތުގައި އޮންނާނެ ކަމަށް ކައުންސިލަށް ގަބޫލުނުކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރުމުން ކަމަށެވެ. އަދި ހުއްދަ ހޯދަންޖެހޭ ފަރާތްތަކަށް ލިޔުމުން ހުށަހަޅަންޖެހޭ މައުލޫމާތުތައް ހުށަހެޅުމާއި އެނޫނަސް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ޝާތިރު ވިދާޅުވީ އެ ސަރަހައްދު ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރެވިއްޖެ ނަމަ އެރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ރަށުތެރޭގައި ދައުރުވާ ފައިސާ އިތުރުވެ، ރަށަށް އިގްތިސޯދީގޮތުން ކުރިއެރުން ލިބޭނެ ކަމަށެވެ.
ޝާތިރު ވިދާޅުވިގޮތުގައި އެ ސަރަހައްދު ދޫކުރާނީ ސިޓީހޮޓާ ފަދަ ތަންތަން ތަރައްގީ ކުރުމަށެވެ.