ދިވެހިންގެ ތެރެއިން ބަޔަކު ސޫރިޔާއަށް ޖިހާދަށްދާ ވާހަކަ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މާ ވަރުގަދައަށް ދައްކަވާތީ ބައިނަލް އަގުވާމީ މުއާމަލާތްތައް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްއާ ގުޅިފައި އޮތް، ކަރެސްޕޮންޑެންޓް ބޭންކެއް ގެއްލިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.

ގދ. ގައްދޫ ފެނުގެ ނިޒާމު އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، މީހުން ޖިހާދަށް ދިއުމަކީ ހުރިހާ ގައުމެއްގައި ވެސް ހިނގަމުން އަންނަ ކަމެއް ކަމަށާއި އެކަން ރާއްޖޭގައި ވެސް އެބަ އޮތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަހަލަ ވާހަތައް ދެއްކެވުމުން ރާއްޖެއާ މެދު ހާއްސަ ނަޒަރަކުން ބަލައި، ބޭރު ފައިސާ ދައުރު ކުރުމުގައި އިތުރު ބެލުންތައް ބަލާ ކަމަށެވެ. އެގޮތުން ކަރެސްޕޮންޑެންޓް ބޭންކެއް ގެއްލި އިތުރު ބޭންކެއް ގެއްލުމުގެ މަގުމަތީގައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"...އަޅުގަނޑުމެންގެ އިއުތިގާދުގައި، އިސްލާމީ އިއުތިގާދުގައި އެބަޔަކު ނިންމާ ގޮތަކަށް، އެބަޔަކަށް ޖިހާދަށް ކަމަށް ގަބޫލުކުރެވޭ ކަންކަމުގައި އެކަންކަން ކުރާ ކަމަށް ވަންޏާ، ދިވެހިންނެއް އެކަންޏެއް ނޫން. އިސްލާމީ ހުރިހާ ދައުލަތަކުން ވެސް ހަމަ ރައްޔިތުން އެބަދޭ. ދިވެހިރާއްޖެ އިސްތިސްނާއެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދެން އެގޮތަށް ދާ މީހުންގެ ވާހަކަ މާ ވަރުގަދައަށް ދެއްކީމާ ރާއްޖެއަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ވާ ކަމަށެވެ.

"...ރާއްޖޭން ބޭރުގައި އަޅުގަނޑުމެންގެ ޗެކްތައް ނޫނީ އަޅުގަނޑުމެންގެ އެކައުންޓްތައް ގެންގުޅޭ ކަމަށް ވަންޏާ، ހަމަ އެބަ ޖެހޭ ބޭންކުގެ ކަރެސްޕޮންޑެންޓް ބޭންކްތަކެއް ބޭރުގައި ހުންނަން. މީކީ ވެސް ފަސޭހަ ކަމެއް ނޫން. އަޅުގަނޑުމެންގެ ބޭންކަށް އެހީތެރިވާ ކަރެސްޕޮންޑެންޓް ބޭންކް ހުންނަން އެބަ ޖެހޭ. އެހެން ނޫނިއްޔާ ބައިނަލްއަގުވާމީ މުއާމަލާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން ރެމިޓްކުރާ ނޫނީ ޓްރާންސްފާ ކުރާ ޓެލިގްރަފިކް ޓްރާންފާއަކަށް ވިޔަސް، އަދި ސްވިފްޓް ޓްރާންސްފާއަކަށް ވި ނަމަވެސް މިކަންކަމެއް އަޅުގަނޑުމެންނަކަށް ހާސިލެއް ނުވޭ. އެހެން ނަމަވެސް މިކަހަލަ ވާހަކަތައް ދައްކަމުން ދައްކަމުން ދާތީ އަޅުގަނޑުމެންގެ ތެރޭގައި އެންމެ ވަރުގަދަ އެއް ކަރެސްޕޮންޑެންޓް ބޭންކް މިހާރު އެއޮތީ ގެއްލިފައި. އަދި މިހާރު އޭގެ ދެވަނަ ބޭންކް ޕުލްއައުޓް ކުރާ ވާހަކަ އެ ދައްކަނީ،" ރައީސް ވިދާޅުވި އެވެ.