15 Feb 2016, 14:32
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކޮށް ރާއްޖެެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުން މަނާކުރާ ބިލް ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލީ އެ ބިލުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެތައް ހައްގެއް ހިފެހެއްޓިގެންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ސާޅީސް ނުވަ މެމްބަރުންގެ ވޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25ވަނަ ދުވަހު މަޖިލީހުން ފާސްކުރި ބިލު ރައީސް ޔާމީން އަނބުރާ މަޖިލީހަށް ފޮނުވާލައިފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އަދި ރައީސް ޔާމީން ވަނީ އެ ބިލު ތަސްދީގު ނުކުރެއްވި ސަބަބުތައް ބަޔާންކޮށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ.
ރައީސް ޔާމީންގެ ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ފަތުރުވެރިކަން ބޮއިކޮޓު ކުރާ ބިލުގެ ސަބަބުން ގާނޫނު އަސާސީގައި 27 ވަނަ މާއްދާގައި ބަޔާންކޮށްފައި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމާއި 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނޫސްވެރިކަން ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ކަމަށެވެ.
ސިޓީފުޅުގައި ރައީސް ޔާމީން ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ހައްގެއް ހިފެހެއްޓޭނީ ގާނޫނު އަސާސީގެ 16ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. އަދި މަޖިލީހުން ފާސްކުރާ އެފަދަ ގާނޫނަކުން ވެސް ހައްގުތައް ހިފެހެއްޓޭނީ މިނިވަން ދިމިގުރާތީ މުޖުތަމައުއެއްގައި އެފަދަ ހައްގެއް ނުވަތަ މިނިވަން ކަމެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލު ކުރެވޭ މިންވަރަށް ކަމަށެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަން ބޮއިކޮޓު ކުރުން މަނާ ކުރާއި ބިލުގެ ސަބަބުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެންދާކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެފަދަ ކަމަކަށް ގޮވާލުމަކީ މިނިވަން ދިމިގުރާތީ މުޖުތަމައުއެއްގައި އަމަލުކުރާ އުސޫލެއް ނޫން ކަމަށް ވެސް ރައީސް ޔާމީންގެ ސިޓީފުޅުގައި ވަނީ ވިދާޅުވެފަ އެވެ.

ފަތުރުވެރިކަން ބޮއިކޮޓްކުރުން މަނާ ކުރާ ބިލް މަޖިލީހަށް ހުށަހެޅުއްވި ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު: ފޮޓޯ/ މަޖިލިސް
ރައީސް ޔާމީން މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ފާހަގަކުރެއްވި ގޮތުގައި ބޮއިކޮޓް ކުރުން މަނާ ގައުމުތަކުގެ ތެރޭގައި އިޒްރޭލް ހިމެނޭ އިރު، އެގައުމުގެ ގާނޫނުގައި ވެސް ހިޔާލުފާޅުކުރުމުގެ ފުރުސަތު ދީފައިވާކަން ވަނީ ފާހަގަކުރައްވައިފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ހިޔާލު ފާޅުކުރުމުގެ ހައްގުތައް ހިފެހެއްޓޭނީ، މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާގެ 19 ވަނަ މާއްދާގެ ތިން ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމައެކަނި އެހެން މީހުންގެ ޒާތީ ހައްގުތަކާއި އަބުރު ރައްކާތެރިކުރުމުގެ ގޮތުން ނުވަތަ ގައުމީ ސަލާމަތާއި އާންމު ހަމަޖެހުމާއި ސަލާމަތްތެރިކަން ހިމާޔަތް ކުރުމުގެ ގޮތުން ކަމަށެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަން ބޮއިކޮޓު ކުރުމަށް ގޮވާލުމުން ރާއްޖެއަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ ރީތި ނަމަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ އިހްތިޔާރު ޝަރުއީ ކޯޓަކަށް ލިބިގެންވާއިރު، ބަދަލު ނަގައިދެވޭނެ ހާލަތަކާއި އުސޫލުތައް ބިލުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
ބިލުގައި ބުނެފައި ވަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ފަތުރުވެރިކަން ބޮއިކޮޓްކުރުމަށާއި ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމާއި ހިތްވަރުދިނުން ނުވަތަ އެފަދަ ކަމެއް ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަކީ ބޮއިކޮޓް ކުރުމާއި ދަތިކުރުމުގެ ފިޔަަވަޅު އެޅުމަށް ގޮވާލުން ކަމަށެވެ.
ބިލުގައި ބުނެފައި ވަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓު ކުރުމަށް ޓަކައި ވަކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ވެސް ބޮއިކޮޓް ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލުން ކަމަށެވެ. ހަމައެއާ އެކު ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމާއި އެކަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ނުވަތަ ގޮވާލުމަށް ތާއީދުކުރުމަކީ ނުވަތަ އެފަދަ ގޮވާލުމެއް އެންޑޯޒު ކުރުމަކީ ވެސް ބޮއިކޮޓް ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލުން ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.