15 Feb 2016, 14:05
އިމްރާނުގެ މައްޗަށް ދައުލަތުން އުފުއްލާފަިއވާ ޓެރަރިޒަމްގެ ދައުވާގެ ހުކުމް މާދަމާ އިއްވާނެ ކަމަށް އެމައްސަލަ ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި އިމްރާނުގެ ޝަރީއަތުގައި ގާޒީ ބާރީ ވިދާޅުވެފައިވަނީ މާދަމާ އިމްރާނަށް ހުކުމް އިއްވާނެ ކަމަށެވެ.
ހުކުމް އިއްވުން އޮތީ މާދަމާ ހަވީރު 4:00 ގައެވެ.
އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އޭނާ އަނިޔާވެރިކަމަށް ހިއްވަރުލިބޭ ގޮތަށް ވާހަކަ ދެއްކެވުމުން، އެ ވާހަކަތަކުން ހިއްވަރުލިބިގެން މުޒާހަރާގެ ބައިވެރިން ފުލުހުނަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ބުނެ އެވެ.
ނަމަވެސް އިމްރާން ވަނީ އެ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ. އެ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި މެއި މަހުގެ އެއް ވަނަ ދުވަހުގެ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކައިގެ ވީޑިއޯ ރެކޯޑިން އާއި ޕިކަޕެއްގޮސް ފުލުހުންގެ ސަފު ފޫއަޅުވާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އަކާއި މުޒާހަރާގެ ބައިވެރިން ފުލުހަކަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހިމެނެ އެވެ.
އެ މުޒާހަރާގައި ހަމަނުޖެހުން ހިންގަން އެއްވެސް ފަރާތަކަށް އިމްރާން އިރުޝާދު ދެއްވިކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައެއް ނުވެ އެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ ދައުލަތުގެ ފަރާތުންނާއި އިމްރާންގެ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމެވެ.
ޚުލާސާ ބަޔާން ހުށަހަޅުއްވަމުން އިމްރާންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އެ ދައުވާކޮށްފައި ވަނީ ދައުލަތަށް މާނަ ކުރެވޭ ގޮތަކަށް ބިނާކޮށް ކަމަށެވެ.
އެދުވަހު ހަމަނުޖެހުންތައް ހިނގީ އިމްރާންގެ ސަބަބުން ކަމަށް ދައުލަތުން ބުނިނަމަވެސް އެކަން އެނގޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
އެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިމްރާނަށް އަންނާނެ އެވެ.