15 Feb 2016, 14:21
ރައީސް އަބްދުﷲ ޔާމީން ތަސްދީގު ނުކުރައްވާ އަލުން އަނބުރާ މަޖިލީހަށް ފޮނުއްވެވި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކޮށް ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުން މަނާކުރާ ބިލް އަލުން ދިރާސާ ކުރުމަށް ވަގުތީ ކޮމެޓީއަކަށް ފޮނުވުމަށް ފާސްކޮށްފި އެވެ.
އެ ބިލު ވަގުތީ ކޮމެޓީއަކަށް ފޮނުއްވުމަށް ވޯޓު ދެއްވީ 40 މެމްބަރުން ނެވެ. އެ ބިލު ދިރާސާ ކުރެއްވުމަށް ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީއެއް ވަނީ އެކުލަވާލައިފަ އެވެ.
ވަގުތީ ކޮމެޓީގައި ތިއްބަވާ މެމްބަރުން:
1- ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް
2- ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު
3- ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
4- މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު
5- ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ
6- ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް
7- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ނައިބު ލީޑަރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަތުރުވެރިކަން ބޮއިކޮޓްކުރުމަށާއި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމާއި ހިތްވަރުދިނުން ނުވަތަ އެފަދަ ކަމެއް ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަކީ ބޮއިކޮޓް ކުރުމާއި ދަތިކުރުމުގެ ފިޔަަވަޅު އެޅުމަށް ގޮވާލުން ކަމަށެވެ.
ބިލުގައި ބުނެފައި ވަނީ ރާއްޖެއާއި ރާއްޖެ އިން ބޭރުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓު ކުރުމަށްޓަކައި ވަކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ވެސް ބޮއިކޮޓު ކުރުމާއި ދަތިކުރުމުގެ ފިޔަޅު އެޅުމަށް ގޮވާލުން ކަމަށެވެ. ހަމައެއާ އެކު ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމާއި އެކަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ނުވަތަ ގޮވާލުމަށް ތާއީދުކުރުމަކީ ނުވަތަ އެފަދަ ގޮވާލުމެއް އެންޑޯޒު ކުރުމަކީ ވެސް ބޮއިކޮޓު ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލުން ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
ރިޔާޒު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ އެފަދަ ކުށެއްގެ ސަބަބުން ގެއްލުމެއް ލިބިފައިވާ ކޮންމެ ފަރާތަކުން އެކަމެއް ކުރި ފަރާތުގެ މައްޗަށް މަދަނީ ދައުވާ ކުރެވިދާނެ ކަމަށެވެ.
ބޮއިކޮޓު ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލާ ފަރާތަކުން އެކަމުގައި ބައިވެރިވި މިންވަރަކަށް ބަލައި އެފަދަ ފަރާތެއް ދެ އަހަރާއި 10 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ނުވަތަ ގޭ ބަންދު ކުރެވިދާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ. އަދި އެފަދަ ފަރާތަކުން ބައިވެރިވި މިންވަރަކަށް ބަލައި އެ ފަރާތެއް ފަސް ލައްކަ ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ބޮއިކޮޓް ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލުން މަނާ ކުރާ ބިލުގައި ބުނެފައިވެ އެވެ.
ބޮއިކޮޓް ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުން މަނާ ކުރުމުގެ ބިލުގެ ސަބަބުން އެފަދަ ކުށެއް ކުރިކަން ސާބިތުވެއްޖެ ނަމަ އެފަދަ ފަރާތަކަށް ދޫކޮށްފައިވާ ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލުކޮށް ދައުލަތުން އަރުވާފައިވާ ޝަރަފުތައް އަނބުރާ އަތުލުމުގެ ބާރު ދައުލަތަށް ލިބިގެންވެ އެވެ. އަދި އެފަދަ ފަރާތަކީ ދައުލަތުން އެއްވެސް އިނާޔަތެއް ދޭ ފަރާތެއް ކަމުގައިވާ ނަމަ އެ އިނާޔަތްތައް ވެސް ހުއްޓާލުމުގެ ބާރު ބިލުގެ ސަބަބުން ދައުލަތަށް ލިބިގެންދެ އެވެ.