15 Feb 2016, 13:36
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ކޮރަޕްޝަނާ ގުޅިގެން އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން ހަމަ އެ މައްސަލައާ ގުޅޭ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓުގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާއިރު ވެސް ސަރުކާރުގެ ކުންފުނިތައް ހިނގާ ނުހިނގާގޮތް ބަލާ ޖަވާބުދާރީ ކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ފަރާތްތަކުން އެމްއެމްޕީއާރްސީ ކޮރަޕްޝަނުގައި ޝާމިލުވާ ފަރާތްތައް ޖަވާބުދާރީކޮށް އިސްލާހީ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ބައެއް ޗެކުތައް އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ވަދެފައި ވުމަކީ މަރުކަޒީ ބޭންކު އެމްއެމްއޭގެ އިހުމާލު އެކަމުގައި އޮތް ކަމެއް ކަމަށް ވެސް ރޮޒެއިނާ ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެ އެވެ.
ގަރާރުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު އެމްއެމްޕީއާރްސީއާ ގުޅޭގޮތުން ނެރެފައިވާ އޮޑިޓް ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއް ނޫންކަން އެސްއޯއެފް ކުންފުނިން ބުނެފައިވާ ކަމަށެވެ.
އެމްއެމްޕީއާރްސީން ގެއްލިފައިވާ ފައިސާގެ ތަހުގީގަކީ ހުޅުވާލެވިގެން ކުރެވޭ ދެފުށް ފެންނަ ތަހުގީގަކަށް ހަދަންޖެހޭ ކަމަށާއި އެމްއެމްޕީއާރްސީގެ މައްސަލާގެ ފުރިހަމަ ތެދު މައުލޫމާތު ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ވެސް ރޮޒެއިނާ ހުށަހެޅުއްވި ގަރާރުގައި ވަނީ ބުނެފަ އެވެ.
މަޖިލީހުން މިއަދު ވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލާފަ އެވެ.
ކުއްލި މައްސަލަ މަޖިލީހަށް އިއްވައިދެއްވަމުން ދީދީ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެމްއެމްޕީއާރްސީގެ 1.2 ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއް އޮޑިޓް ރިޕޯޓުން ފާހަގަކުރެވި، އެކަމުގައި ދައުލަތުގެ ގިނަ މުއައްސަސާތަކެއް ފެއިލްވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޒިންމާ އަދާކުރައްވަން ތިއްބެވި ގިނަ ފަރާތްތަކުގެ ތެރެއިން ގިނަ ބޭފުޅުންނަށް ޒިންމާ އަދާ ކުރެވިފައި ނުވާ ކަމަށެވެ.
"މިކަން ހިނގައިދިޔައިރު ދައުލަތުގެ ގިނަ ބާރުތައް ފެއިލްވެފައިވާ ކަމަށް އަޅުގަނޑަށް ފެންނާތީ އެކަން ސަރުކާރާއި ޖުޑިޝަރީއާ މި މަޖިލީހުގެ ސަމާލުކަމަށް ގެނެސް، މަޖިލީހުގެ ގަވާއިދުގެ ދަށުން ހުށަހަޅާ ކުއްލި މައްސަލަ،" ދީދީ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީއާ ގުޅިގެން އޮޑިޓާ ޖެނަރަލް މި މަހުގެ ފަސްވަނަ ދުވަހު ނެރުއްވި އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީއަށް އެކި ގޮތް ގޮތުން ލިބުނު ފައިސާގެ ތެރެއިން 1.22 ބިލިޔަން ރުފިޔާ އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާވެފައިވާ ކަމަށެވެ.