15 Feb 2016, 13:20
ކައިރޯ (ފެބްރުއަރީ 15): މިދިޔަ އަހަރުގެ ޖެނުއަރީ މަހު މިސްރުގައި ބޭއްވި މުޒާހަރާއެއްގައި އަންހެނެއްގެ ގަޔަށް ބަޑި ޖަހާ މަރާލި ފުލުސް މީހާގެ މައްޗަށް ދަށު ކޯޓަކުން ކުރި 15 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމަށް ފަހު ކޯޓުން އަނެއްކާ ވެސް މައްސަލަ ބެލުމަށް މިސްރުގެ ހައި ކޯޓުން އަންގައިފި އެވެ.
މިސްރުގެ ކުރީގެ ރައީސް، ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލިތާ ހަތަރު އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިސްރުގެ ތަހުރީރު މައިދާނުގައި 24 ޖެނުއަރީ 2015އިގައި ބޭއްވި އެއްވުމެއްގައި ބައިވެރިވި ޝައިމާ އަލް ސައްބާގް މަރުވީ އެއެއްވުން ރޫޅާލުމަށް ފުލުހުން ބަޑި ޖެހުމުންނެވެ. ޝައިމާގެ މަރުގެ ކުށުގައި ހުކުމް ކޮށްފައި ވަނީ ލެފްޓެނެންޓް ޔާސިން މުހައްމަދު ހާތިމްގެ މައްޗަށެވެ.
މަންޒަރު ދުށް ފަރާތްތަކާއި މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ބުނީ ފުލުހުން ވަނީ އެސަރަހައްދަށް އެމްބިއުލާންސެއް ވަނުމާއި އެއްވެސް މީހަކު ޝައިމާއަށް އެހީވުމުން ހުރަސް އަޅާފައި ކަމަށެވެ.
ނަމަވެސް، ފުލުހުން ވަނީ ފޮރެންސިކް ހެކިތަކަށް ބެލުމުން އެނގެނީ ޝައިމާއަށް ހަމަލާދިނީ އަސްކަރީ ފައުޖުތަކުން ބޭނުންކުރި ވަޒަނުން ނޫން ކަމަށާއި، އޭނާ އަށް ހަމަލާދިން ކަމަށް ބެލެވެނީ އެހެން ބަޔަކު ކަމަށް ތުހުމަތުކޮށްފަ އެވެ.
ޝައިމާ ގަޔަށް ބަޑި ޖެހުމުން އޭނާ މަރުވާ މަންޒަރު ފެންނަ ގިނަ އަދަދެއްގެ ފޮޓޯތަކާއި ވީޑިއޯތައް ވަނީ އާއްމުވެފަ އެވެ. އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމްއިއްޔާތަކުން ވަނީ ޝައިމާ މަރާލި މީހަކަށް ހައްގު އަދަބު ދިނުމަށް ގޮވާލާފަ އެވެ. މިސްރުގެ ރައީސް، އަބްދުލް ފައްތާހު އައްސީސީ ވަނީ ޝައިމާ މަރާލި މީހަކަށް ހައްގު އަދަބު ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. (އެމްއީއީ)