15 Feb 2016, 12:56
ދެ ރިޔަލުގައި ކަޓަމަރާންއެއްގައި ރާއްޖެ ވަށައި ބުރުޖެހުމުގެ ދަތުރު ފައްޓާފައި އަބްދުލްޣަފޫރު (ގައްބެ) ރާއްޖޭގެ އެންމެ ބޮޑު ކަނޑު، ހުވަދޫ ކަނޑު ދެ ވަނަ ފަހަރަށް ހުރަސް ކުރުމަށް މިއަދު ނުކުމެއްޖެ އެވެ.
އެޓޯލް ސެއިލާސްގެ މެނޭޖިން ޑިރެކްޓަރު، ސިކަންދަރު ނަސުރުﷲ ކަމާލުއްދީން (ސިކު) މިއަދު ސަން އަށް ވިދާޅުވީ ގައްބެ ރޭ ގއ. ކޮލަމާފުށީގައި މަޑު ކުރުމަށް ފަހު ހުވަދޫ ކަނޑު ހުރަސް ކުރުމަށް ނުކުތީ މިއަދު ހެނދުނު 7:30 އެހާކަންހާ އިރު ކަމަށެވެ. އަދި އޭނާ ވިދާޅުވީ ގައްބެ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ އަށް ދިޔުމަށް ފަހު އުތުރަށް ކުރާ ދަތުރުގައި މިހާރު ދަތުރު ކުރަނީ ލ. މާވަށާ ދިމާ އަށް ކަމަށެވެ. އަދި ގައްބެ މާވަށާ ހަމަ އަށް ފޯރާނެ ކަމަށް ބެލެވެނީ މިއަދު ހަވީރު 5:30 އެހާކަންހާއިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައްބެ އަށް ކޮލަމާފުށިން އަލްވަދާއު ކިޔަނީ --
ސިކު ވިދާޅުވީ މިއަދު ވައި ހުރީ ގަޑިއަކު 10 ވަރަކަށް ނޯޓިކަލް މޭލުގެ ބާރު މިނުގައި ކަމަށާއި ގައްބެ އެނބުރި އުތުރަށް ކުރާ ދަތުރަކީ ވަޔާ ދެކޮޅަށް އަނބުރާ ހޭރިޔާކޮށް ކުރާ ދަތުރެއް ކަމުން ކޮންމެ ވެސް ވަރަކަށް އުނދަގޫވާނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ގައްބެ ފަދަ ތަޖުރިބާކާރަކަށް އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
ގައްބެ އުންމީދު ކުރަނީ ރާއްޖެ ވަށައި ބުރު ޖެހުމަށް ކުރާ ދަތުރު 23 ދުވަހުގެ ތެރޭގައި ނިންމާލުމެވެ. ނަމަވެސް ގައްބެ ދަތުރުން ދެތިން ދުވަސް ގެއްލިފައިވާތީ މުޅި ދަތުރު ނިންމުމަށް ދެތިން ދުވަސް ލަސްވެދާނެ ކަމަށް ޓީމުން ބުނެ އެވެ.
ގައްބެ މާލެ އިން ފުރީ ޖެނުއަރީ 31ގަ އެވެ. އޭނާގެ ދަތުރަށް މިއަދަށް ވަނީ 16 ދުވަސް ހޭދަވެފަ އެވެ.