އިންޑިއާގެ އެއާކްރާފްޓް ކެރިއަރަކާއި އެ އުޅަނދާ އެކު ދަތުރުކުރާ އެހީތެރި ދެ އުޅަނދެއް މާލޭ ބަނދަރަށް އަތުވެއްޖެ އެވެ.

ދާދިފަހުން ރަޝިޔާ އިން ގަނެ، "އައިއެންއެސް ވިކްރަމަދިތުޔާ"ގެ ނަން ދީފައިވާ އެއާކްރާފްޓް ކެރިއަރާއި އެ އުޅަނދާ އެކު ދަތުރުކުރާ ފްރޮންޓްލައިން މިސައިލް ޑެސްޓްރޯޔާ އެއް ކަމަށްވާ އައިއެންއެސް މައިސޫރާއި ފްލީޓް ޓޭންކަރެއް ކަމަށްވާ އައިއެންއެސް ދީޕަކް ރާއްޖެއަށް އައީ ހަތަރު ދުވަހުގެ ދަތުރެއްގަ އެވެ. އައިއެންއެސް މައިސޫރާއި އައިއެންއެސް ދީޕަކަކީ އިންޑިއާގައި އުފައްދާފައިވާ ދެ އުޅަނދެވެ.

އައިއެންއެސް ވިކްރަމަދިތުޔާއަކީ ހެލިކޮޕްޓަރާއި މިގް 29 މަރުކާގެ ބޮން އަޅާ މަތިންދާބޯޓް ހިމެނޭ ގޮތުން ޖުމްލަ 34 ވައިގެ އުޅަނދު އުފުލޭ މަނަވަރެކެވެ. ރަޝިޔާ އިން ގަނެ، އަލުން މަރާމާތުކޮށްފައިވާ އެ އުޅަނދުގެ އަގަކީ 2.35 ބިލިޔަން ޑޮލަރެވެ.

'ބަކޫ'ގެ ނަމުގައި ކުރީގެ ޔޫއެސްއެސް އާރުން އެއުޅަނދު ބޭނުންކުރަން ފެށީ 1987 ވަނަ އަހަރު އެވެ. އަދި 1996 ވަނަ އަހަރު ބޭނުން ކުރުން ހުއްޓާލާފައި ވަނިކޮށް، އެއުޅަނދު ގަތުމަށް އިންޑިއާ އިން ހުށަހެޅީ 2004 ވަ އަހަރު އެވެ. އިންޑިއާގެ ކަނޑުގެ ސިފައިން އެއުޅަނދުގެ ބޭނުން ކުރަން ފެށީ 2013 ވަނަ އަހަރު އެވެ.