އަލީ އިސްމާއިލް، 58، ފަތިސް ނަމާދަށް ހޭލުމަށް ފަހު ދަރިފުޅު، އައިމިނަތު ޝާހިދާ، 29، ނިދަންއޮތް ކޮޓަރީގެ ދޮރުހުޅުވާލީ ދަރިފުޅު ބަލިވެއުޅޭތީ ހާލުކިހިނެއްތޯ ބަލާލުމަށެވެ. އޭނާ އެކޮޓަރިއަށްވަން އިރު އޭނާ އަށް ފެނިގެންދިޔައީ ދުވަހަކު ވެސް އުންމީދު ނުކުރާ ކަހަލަ ކަމެކެވެ. އެއީ އޭނާގެ ކާފަދަރިފުޅު ފާތުމަތު ޝައިހާ އަށް ވަޅިން ހަމަލާދީ މަރާލާފައިއޮތްތަނެވެ.

ށ. އަތޮޅު ނޫމަރާގައި މަންމައަކު އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅު މަރާލި މައްސަލައެއް މިވަނީ ފެންމަތިވެފަ އެވެ. އެ ހާދިސާގައި އެތައް ސުވާލުތަކެއް މިވަނީ އަމާޒުވެފަ އެވެ. ތިރީގައި މިވަނީ ދަރިފުޅު މަރާލި ކަމަށް ތުހުމަތު ކުރެވޭ ޝާހިދާގެ ބައްޕަ ސަންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީއަށް ކިޔައިދީފައިވާ ވާހަކަތަކެވެ.

ޝާހިދާގެ ބައްޕަ އަލީ ބުނާ ގޮތުގައި އެހާދިސާއަށް ފަހު އޭނާ ހުންނަނީ "ހަމަ ހެޔަކު ވެސް ނޫން." ކަމަށާއި އޭނާގެ ދަރިފުޅު ޝާހިދާގެ އެންމެ ފަހުވަގުތު ވެސް އޭނާ އަށް ފެނުނީ ޒިންމާދާރު މަންމައެއްގެ ގޮތުގަ އެވެ. ދަރިފުޅު މަރާލިކަމަށް ބެލެވޭ އެރޭ ވެސް ދަރިންގެ ކަންކަން ބެލެހެއްޓުމުގައި އަވަދިނެތި އޭނާ އުޅުނުކަމަށް އަލީ ބުނެ އެވެ.

ދަރިއެއްދެކެ ރުޅި އައިސްގެން ނުވަތަ ދަރިންގެ ކަންކަމުގައި ފަރުވާ ކުޑަކޮށް އުޅޭ މަންޒަރެއް ވެސް އަލީއަށް ފެނިފައެއްނުވެ އެވެ. އަލީބުނާގޮތުން ޝާހިދާގެ ބަހާއި އަމަލުން ވެސް އެއްވެސް ތަފާތެއް އެވަގުތާ ހަމައަށް އޭނާ އަށް ފާހަގަވެފައެއްނުވެ އެވެ.

"އެހެންނަމަ އަޅުގަނޑުމެން ނުތިބޭނެ ނޫން ތޯ، މަޑަކުން ވެސް އަމަލަކުން ވެސް އެކަހަލަ ކަމެއް ފެނުންނަމަ އަޅުގަނޑުމެން ނުތިބޭނަން. އެކަހަލަ ކަމެއް ފެނިފައެއް ނެތް" އަލީ ބުންޏެވެ.

ކުޑަދަރިފުޅު ޝައިހާ އަބަދު ވެސް ނިދަމުން ދިޔައީ ޝާހިދާއާ އެކު ކަމަށާއި ޝާހިދާގެ ފަރާތުން އާދަޔާއި ހިލާފު އެއްވެސް ކަމެއް ފެނިފައިނެތުމުން އެކަން ހުއްޓުވުމަށް އާއިލާއިން މަސައްކަތް ނުކުރާ ކަމަށް ވެސް އަލީ ބުންޏެވެ. އެހާދިސާއާ ގުޅޭ ގޮތުން އޭނާ ވަނީ ރަނގަޅަށް ވެސް ބަސް ހުއްޓިފަ އެވެ.

"ތީގައި އަޅުގަނޑު ދަންނަވާނެ ނެތް އެކައްޗެއް ވެސް، އަޅުގަނޑުމެންނަށް އެނގޭ އެކަށްޗެއް ވެސް ނެތް. [ހާދިސާ] ހިނގީ، ހިނގީމާ ހިނގި ހިސާބުން ފެނުނުން ނޫން އެކަށްޗެއް ވެސް ކުރިއަކުން އެނގިފައިވާ ކަމެއް ނޫން،" ޝާހިދާގެ ބައްޕަ ބުންޏެވެ.

ނަފްސާނީ ބައްޔަށް ފަރުވާކުރާތާ ގިނަ ދުވަހެއް ނުވޭ!

އަލީ ބުނި ގޮތުގައި ނުނިދޭ މައްސަލައެއްގައި ޝާހިދާ ނަފްސާނީ ޑޮކްޓަރަކަށް ދައްކައި ފަރުވާ ފެށިތާ މާގިނަދުވަހެއް އަދިނުވެ އެވެ. ޝައިހާ މަރާލިކަމަށްބުނާ ދުވަހު ވެސް ޝާހިދާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގޮސް ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވާ ކަމަށާއި ޑޮކްޓަރު ދީފައިހުރީ ދެވައްތަރެއްގެ ބޭސް ކަމަށާއި އެބޭހަކީ ވެސް މިލްގުރާމް ދަށް ދެބޭހެއް ކަމަށް އަލީ ބުންޏެވެ.

ޝާހިދާއާ އެކު އަލީގެ ހަތް ދަރިން ތިބެ އެވެ. އޭގެން އެއްވެސް ކުއްޖެއްގެ ކިބައިން ނަފްސާނީ މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް އަލީ ބުންޏެވެ. އޭނާ ބުނި ގޮތުގައި ށ. ފުނަދޫގައި ދިރިއުޅޭ ޝާހިދާ ނޫމަރަ އަށް ބަދަލުވެފައި ވަނީ މީގެ ކުޑަދުވަސްކޮޅެއް ކުރިން މާހައުލު ބަދަލުކޮށްލުމަށް ކަމަށް ވެސް އަލީ ބުންޏެވެ.

ހިނގައިދިޔަ ހިތާމަވެރި ހާދިސާއާ އެކު އަލީ އާއި އޭނާގެ އާއިލާވަނީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. އޭނާގެ ދަރިފުޅު ޝާހިދާގެ ފަރާތުން އެފެނުނު އަމަލަކީ އޭގެން އެއްވެސް ވަރަކަށް ޝައްކު ވެސް ކުރެވުނު ކަމެއް ނޫން ކަމަށް އަލީ ބުންޏެވެ.

އެ ހާދިސާ ހިނގިކަމަށް ބެލެވޭގޮތް!

މަރުވެފައި އޮއްވައި ފެނުނު ޝައިހާގެ ކަރުގެ ލަގޮނޑި ހިސާބުގެ ދެ ތަނަކަށާއި އަތުގެ ކޮނޑުހުޅާ އެކު އަތުގެ ތިންތާކަށް އަދި ބަނޑަށް ވަނީ ފުންކޮށް ވަޅިހަރައިފަ އެވެ.

"ކުއްޖާ ލޭ ހުސްވެގެން މަރުވެފައި އެއޮތީ، ލޭ ފައިބަމުން ފައިބަމުން ގޮސް، ދަންވަރު ކުރިކަމެއް، އަޅުގަނޑުމެންނާ ހިސާބަށް ވެސް އައީ ފަތިހު، އެހާއިރުވީމަ ލޭތަކާ އެކު ހިކިފަތާ އޮންނާނީ ވެސް." ނޫމަރާ ކައުންސިލްގެ ރައީސް އަހުމަދު ވިޝާން ވިދާޅުވި އެވެ.

ދަރިފުޅު މަރާލުމަށް ފަހު ވެސް ކަންބޮޑުވުމެއް ފާހަގަނުވޭ.

ނޫމަރާ ކައުންސިލްގެ ރައީސް ވިޝާން ވިދާޅުވި ގޮތުގައި ދަރިފުޅު މަރާލުމަށް ފަހު ވެސް ޝާހިދާގެ ފަރާތުން ބިރުވެރިކަމާއި ހިތާމަވެރިކަން ފާޅެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ޝަހީދާ ކިބައިން ފެންނަނީ "ގަބު" ކަމެއް ކަމަށް ވިޝާން ވިދާޅުވި އެވެ.

"ވަރަށް ހަމަޖެހިލާފައި އިންނަނީ އަނެއްހެން މީހަކާ ވާހަކައެއް ވެސް ނުދައްކާ." ވިޝާން ވިދާޅުވި އެވެ.

ފުލުހުން މިހާރު ވަނީ އޭނާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.

އެ ހާދިސާ ހިނގި އިރު އާއިލާ ކޮބާ؟

ކައުންސިލުން ބުނި ގޮތުގައި އެ ރޭ އެގޭގައި ނިދީ އެ ދެމައިންނާއި އެ އަންހެން މީހާގެ މަންމަ އާއި ބައްޕަގެ އިތުރުން އެ އަންހެން މީހާގެ އެއްބަޑު އެއްބަފާ މީހެކެވެ.

އެ ހާދިސާ ހިނގި އިރު އެއިން މީހަށް އެއްވެސް އަޑެއް ނީވޭތޯ ދެންނެވުމުން ކައުންސިލްގެ ރައީސް ވިދާޅުވީ އެދެމައިން ނިދި ކޮޓަރިއަކީ ސީލިންގްކޮށް ވަރަށް ބޮޑަށް ބަންދުވާ ގޮތަށް ހުރި ކޮޓަރިއެއް ކަމުން އެއްވެސް އަޑެއް ބަޑެއް ނީވުނީ ކަމަށްވުން އެކަށީގެންވާ ކަމަށެވެ.

ޝާހިދާގެ އިތުރު އަންހެން ދެ ކުދިން ތިބެ އެވެ. އެ ތަނުން އެއް ކުއްޖަކު، އެ ރޭ އެ ހާދިސާ ހިނގި އިރު އޮތީ އެގޭގެ އެހެން ކޮޓަރިއެއްގަ އެވެ. ބޮޑު ކުއްޖާ ހުރީ އޭނާގެ ބައްޕަގެ ފަރާތު މާމަކައިރީ ފުނަދޫގަ އެވެ. ބައްޕަވީ ވަޑާމުގެ މަސައްކަތުގައި ހދ. އަތޮޅަށް ގޮހެވެ.